ދެ ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ބޮޑު "ޑީލަރު" ފުވައްމުލަކު، ލާލުގޭ، އަބްދުﷲ ވަސީމް ރާއްޖެއިން ބޭރުގައި ހުރެފައި މާލެ އައުމުން އަނެއްކާ ވެސް ޖަލަށް ގެންގޮސްފި އެވެ.


ޑީޕީއާރްއެސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ވަސީމު އިންޑިޔާ އަށް ދިއުމަށް ފަހު މާލެ އައީ މިދިޔަ ހޯމަ ދުވަހު ކަމަށާއި މިހާރު އޭނާ ޖަލަށް ގެންގޮސް އަނެއްކާ ވެސް ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.


"އެ ދުވަހު ހެނދުނު ވަސީމު ރާއްޖެ އައުމުން ސީދާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށުގައި ވަސީމު ވަނީ ޖަލަށް ގެންގޮސްފައި،" ރަޝީދު ވިދާޅުވި އެވެ.


ވަސީމް ރާއްޖެ އިން ބޭރަށް ދިޔައީ ޑޮކްޓަރުން އޭނާ ބެއްލެވުމަށް ފަހު އޭނާ އަށް ރާއްޖެ އިން ބޭރުގައި ނޫނީ ފަރުވާ ނުދެވޭނެ ކަމަށް ލަފާ ދިނުމުން ޑީޕީއާރްއެސްގެ ބޯޑުން ހުއްދަދީގެނެވެ. މިދިޔަ ރޯދަ މަހުގެ ކުރިން، ކުރު މުއްދަތުގެ ޓެރެވެލް ޑޮކިއުމެންޓަކާ އެކު ވަސީމް ރާއްޖެ އިން ބޭރަށް ދިޔައީ އެކަންޏެވެ.


ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ބޮޑެތި ގިނަ ކުށްވެރިންތަކެއް އެމްއާރްއައި ސްކޭން ހައްދަން ކަމަށް ބުނެ ޑޮކްޓަރުގެ ސެޓްފިކެޓް ހޯދައިގެން ރާއްޖެ އިން ބޭރަށް ގޮސް އެބަތިބި ކަމަށް ސަންއެފްއެމް އޮންލައިނަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް ޑީޕީއާރްއެސް އިން ބުނީ އެފަދަ މައުލޫމާތެއް ނެތް ކަމަށެވެ.


ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވަސީމުގެ މައްޗަށް ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ 11 ގަ އެވެ. ވަސީމު ހައްޔަރު ކުރީ ވައިގެ މަގުން ނޮވެމްބަރު 15 ، 2007 ގައި ޕާކިސްތާނު މީހަކު 2.18ކިލޯ ގްރާމުގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި 10 މީހުންގެ ތެރެއިން ވަސީމް 42، އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑު ދެ މީހުންގެ ތެރެއިން އެކަކު ކަމަށް 2008 ވަނަ އަހަރު ފުލުހުން ވަނީ ބުނެފަ އެވެ.


ވަގު ޑޮލަރުގެ މައްސަލައެއްގައި ވެސް 1998 ގައި ވަސީމު ހައްޔަރުކުރި އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ވެސް ކުރިން ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރުން މާރާމާރީ އާއި ބަދުއަހުލާގީ މައްސަލަތަކާއި ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރުމުގެ މައްސަލައިގައި ވެސް ފުލުހުން އޭނާ ހައްޔަރުކުރި އެވެ.