އަދާލަތު ޕާޓީ އަކީ ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ޕާޓީއެއްގެ ގޮތުގައި ދިވެހިންނާއި ދުނިޔޭގައި މަޝްހޫރުވެފައިވާ ޕާޓީއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކާފައިވާ ވާހަކަފުޅަށް އަދާލަތު ޕާޓީން ރައްދުދީފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީ އަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގިނަ ފަރާތްތަކާއި ދިވެހިރައްޔިތުންގެ ގިނަ ބަޔަކު ދެކޭ ކަމަށް ވިދާޅުވެ ނަޝީދު ވާހަކަ ދައްކަވަމުންދަނީ އަދާލަތު ޕާޓީގެ އަގުވައްޓާލައި ނަޝީދުގެ ހައްދުފަހަނައަޅާފައިވާ "ލާދީނީ ސިޔާސީ" އެޖެންޑާ ކާމިޔާބް ކުރުމަށް ކަމަށެވެ.

"ނަޝީދު ބުނެގެން އަދާލަތު ޕާޓީން ކެނޑިގެންދާނެ ބަޔަކުﷲ އިރާދަކުރެއްވިއްޔާ، މިހާރަކު އަދާލަތުޕާޓީގައި ނޫޅެ އެވެ. އެދަފަ މީހުންގެ ދައުރު މާޒީއާ އެކު ނިމި ހިނގައްޖެކަން ނަޝީދާއި ނަޝީދަށް ބައިއަތު ހިފައިގެން ތިބި މީހުން ދަންނަން ޖެހޭނެ އެވެ." އެބަޔާނުގައިވެ އެވެ.

އަދި އެބަޔާނުގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ ސަފްތައް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އަދާލަތު ޕާޓީއަކީ އެކި ގައުމުތަކުން ތައުލީމް ހާސިލްކޮށްފައިވާ ގާބިލް އިލްމީ ލީޑާޝިޕެއް އޮތް ބައިނަލްއަގްވަމީ މުޖުތަމައާ ރަހުމަތްތެރި ޕާޓީއެއް ކަމަށެވެ.

ޖީއެމްއާރާއި އެއާޕޯޓްސް ކޮމެޕެނީއާ އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް ސަރުކާރުން އިއުލާންކުރުމުން އެކަމަށް ފާޑުވިދާޅުވެ، ހދ. މަކުނުދޫގައި ހުންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީ އަކީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ޕާޓީއެއްގެ ގޮތުގައި ދިވެހިންނާއި ދުނިޔޭގެ ތެރޭގައި ވެސް މަޝްހޫރުވެފައިވާ ޕާޓީއެއް ކަމަށެވެ. އަދި ދީނާއި ގައުމިއްޔަތާ ގުޅުވައިގެން ދެއްކި ދޮގު ވާހަކަތަކަކަށް ޖީއެމްއާރުގެ އެއްބަސްވުން އުވާލީ ވަކި ބަޔަކު ރުއްސަން ކަމަށް ރައީސް ނަޝީދު ވިދާޅުވެ އަދާލަތު ޕާޓީ އަށް ފާޑުވިދާޅުވި އެވެ.