ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ ޖަވާބުދާރީއެއް ނުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ދައުވާ ސާފުވެއްޖެތޯ ގާޒީ އެއްސެވުމުން އޭނާ ވަނީ އިޖުރުއީ ނުކުތާއެއް ނަންގަވައި ތަހުގީގު ބަޔާންތައް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެގޮތަށް އެދިވަޑައިގަތުމުން ޝަރީއަތް މެދުކަނޑާލެއްވުމަށް ފަހު ކޯޓުން ވަނީ ފާޅުގައި ހެކިބަސް ނަގައި މީހުންގެ ބަޔާންތައް އޭނައާ ހަވާލުކޮށްފަ އެވެ. އަދި ގާޒީ ވިދާޅުވެފައި ވަނީ ސިއްރުން ހެކިބަސްދޭ މީހުންގެ ބަޔާންތައް ދޫނުކުރެވޭނެ ކަމަށެވެ.

އޭގެ ފަހުން މިއަދު މެންދުރު 1:15 އެހާކަންހާއިރު ޝަރީއަތް އަލުން ފެށުމަށް ފަހު ދައުވާ އަށް ޖަވާބުދާރީވުމަށް އޭނާ އަށް ފުރުސަތު އެރުވުމުން އަނެއްކާ ވެސް އިޖުރާއީ ނުކުތާއެއް ނަންގަވައި ދައުވާ އަށް ޖާވާބުދާރީއެއް ނުވި އެވެ. މިފަހަރު އޭނާ ވިދާޅުވީ ސިއްރު ބަޔާންތައް ނުދިނުމަށް ގާޒީ ނިންމެވި ނިންމެވުން ލިޔުމުން ބޭނުންވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެއީ މިއަދު ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި އެ މައްސަލައިގައި ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު ވެސް އަމަލުކޮށްފައި ވަނީ އެ އުސޫލުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ފެޒްލީން ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާއި ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ފެޒްލީން ވިދާޅުވި އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ދައުވާ އަށް ޖަވާބުދާރީ ނުވުމުން އެއީ ދައުވާއަށް އިންކާރު ކުރުން ކަމަށް ބަލައި ގާޒީ ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދީފަ އެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން މިއަދު ވަނީ 26 ހެެއްކަކު ޝަރީއަތަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ 17 މީހުންނާއި އާންމުންގެ ދެ މީހަކާއި ސިއްރުން ހެކިބަސް ދޭ ހަތް މީހެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާވާލައްވަމުން ގާޒީ ވަނީ މަޖިލީހުގެ މަސައްކަތްތައް ހުރިގޮތް ބަލައި ހުސް ދުވަހެއް ކޯޓަށް އެންގުމަށް މެންބަރު މުހައްމަދު ރަޝީދަށް އަންގާފަ އެވެ.