ޓެލެވިޝަން މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އަށް 100،000 ޑޮލަރު ގަތުމަށް ދޫކުރި 1.5 މިލިއަން ރުފިޔާ ކުންފުންޏަށް ގެއްލުމުން ޑޮލަރު ވިއްކި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި އެ މައްސަލައިގައި ސ. މަރަދޫ ރަބީއުގެ އަހުމަދު ޒަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްބީސީ ބޯޑުގެ ޗެއާމަން މުހައްމަދު ސައީދު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ފަހަރެއްގެ މަތީން 100،000 ޑޮލަރު ކުންފުންޏަށް ގަތުމަށް އަމިއްލަ ފަރާތަކަށް 1.542 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އާ ބޯޑު ކުންފުންޏާ ހަވާލުވުމަށް ފަހު ވެސް އެ ފައިސާ ލިބޭތޯ ބެލުމަށް ފަހު ޑޮލަރު ނުލިބުމުން ކަމަށެވެ.

"ކުންފުނީގެ އެކިއެކި ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެ ފައިސާ ދީފައި ވަނީ. ފަންސާސް ހާސް ޑޮލަރުގެ ދެ ޗެކެއް ގާތްގަނޑަކަށް އަށް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުންފުންޏަށް ވަނީ ގަނެފައި. އެ ޗެކްތައް ފައިސާ ނުލިބި ރިޓާންވެފައި ހުރިކަން ކުންފުނީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ ފަރާތުން އަޅުގަނޑުމެންނަށް ހުށަހެޅީމާ ކުންފުނިން އެމީހާއާ ގުޅޭތޯ ބެލުމަށް ފަހު ނުގުޅިގެން އެކަންތައް[ފުލުހުންނަށް] ރިޕޯޓްކުރީ،" ސަޢީދު ވިދާޅުވި އެވެ.

އެމްއެންބީސީ އަށް ބޭނުންވާ ބައެއް ކަހަލަ އިކްއިޕްމަންޓް ގަތުމަށް ޓަކައި ދީފައިވާ އެ ފައިސާގެ އިތުރުން ވެސް އެފަދަ ބައެއް އެހެން މައްސަަލަތައް ހުރި ކަމަށް އެމްއެންބީސީގެ އާ ބޯޑުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

އެގޮތުން ސާކް ސަމިޓާ ދިމާކޮށް ސަމިޓް ލައިވްކުރުމަށާއި ސަމިޓްގެ އެކިއެކި ކަންކަމަށް އެމްއެންބީސީން ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ގިނަ އަދަދެއްގެ ސާމާނުތަކަކަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް ވެސް އެކުންފުނީގެ އާބޯޑުން ވަނީ ބުނެފަ އެވެ.