29 Nov 2012, 13:45
2014 ވަނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ލުއިސް ޕިލިޕް ސްކޮލާރީ އަށް ދީފި އެވެ.
ބިގް ފިލްގެ ނަމުން މަޝްހޫރުވެފައިވާ ސްކޮލާރީ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައިދިން ކޯޗެވެ. މާރީތި ކުޅުމަކަށް ލޯބި ނުކުރި ނަމަވެސް ނަތިޖާ ނެރެން ދަންނަ ސްކޮލާރީ އަކީ ވަކި މީހެއް މޫނަކަށް ނުބަލާ އޭނާގް ޕްލޭނާއެކު ކުރިއަށްދާ ކޯޗެކެވެ. މި ގޮތުން އެންމެ ފާހަގަަ ކުރެވެނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ޓީމަށް ރޮމާރިއޯ ނެގުމަށް މުޅި ބްރެޒިލް އަޑުއުފުލަމުންދަނިކޮށް ރޮމާރިއޯ ބާކީކޮށް ޓީމު އިއުލާނުކުރުމެވެ.
ސްކޮލާރީގެ އެހީތެރިއެއްގެ ގޮތުން ޓެކްނިކަލް ޑައިރެކްޓަރަކަށް ހަމަޖައްސާނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ކޯޗު ކާލޮސް އަލްބާޓޯ ފެރޭރާ އެވެ.
ބްރެޒިލްގެ ފެޑަރޭޝަނުން ބުނީ ކުރީގެ ކޯޗު މަނޯ މެނޭޒް ވަކިކުރުމަށް ފަހު ގެނައި އާކޯޗު ސްކޮލާރީ އަށް އެންމެން ވެސް އެއްބާރުލުން ދިނުމަށެވެ. އަދި އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އެންމެވެސް އެދޭ ކަމަކަށްވާއިރު ކޯޗަށް ސަޕޯޓްދިނުމަށެވެ.
ސްކޮލާރީ އަކީ ބްރެޒިލްގައި ކާމިޔާބު ކޯޗަކަށްވާއިރު އޭނާ ވަނީ ޔޫރޯ ފައިނަލަށް ޕޯޗުގަލް ގެންގޮސްދީ ޗެލްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގައި މީގެ ކުރިން ވޯލްޑް ކަޕް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 1950ގަ އެވެ. އެ ފަހަރު އުރުގުއާއީ އަތުން ބްރެޒިލް ބަލިވީ 200000 މީހުންނަށް ވަދެވޭ މަޝްހޫރު މަރަކާނާ ސްޓޭޑިއަމުގަ އެވެ. މި ފަހަރުގެ ފައިނަލް ވެސް ކުޅޭނީ އެދަނޑުގަ އެވެ.