އަންނަ އަހަރަށް ދައުލަތުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާ މި އަހަރަށް ވުރެ އަންނަ އަހަރު ހަތަރު މިލިއަން ރުފިޔާ އިތުރުވެފައިވާކަން ހާމަވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ 0.1 ޕަސެންޓް އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅައިފަ އެވެ.

އެގޮތުން މި އަހަރު 15.2 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޭން ބަޖެޓްކޮށްފައިވާ އިރު މިދިޔަ އަހަރު ބަޖެޓްކޮށްފައި ވަނީ 11 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރު ބަޖެޓް ކޮށްފައިވާ އަދަދަށް ވުރެ4.1 މިލިއަން ރުފިޔާ އިތުރު، 37 ޕަސެންޓް އިތުރު އަދަދެކެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދެމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި އެކަން ކަނޑައެޅިފައި އޮތުމުންނެވެ.

ރާއްޖޭގައި 15 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ އާއި އައިޑީޕީ އާއި ސޯޝަލް ޑިމޮރަޓިކް ޕާޓީ އާއި ޕީޕަލްސް ޕާޓީ އާއި ނޭޝަނަލް ކޮންގްރެސް އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި ޖޫމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސް އާއި މޯލްޑިވިއަން ލޭބާ ޕާޓީ އާއި ގައުމީ އިއްތިހާދާއި ދިވެހި ގައުމީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ޕީޕީއެމް އެވެ.

އޭގެ ތެރެއިން ހަ ޕާޓީއެއް ފިޔަވައި އެހެން ޕާޓީތަކުގައި ޕާޓީއެއް ރަޖިސްޓްރީ ކުރެވޭ އަދަދު ކަމަށްވާ 3000 މެންބަރުން ހަމައެއްނުވެ އެވެ. ތިން ހާސް މެންބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އާއި އައިޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އެވެ. އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގައި 48226 މެންބަރުން ތިބި ކަމަށް އިލެކްޝަންސްގެ ދަފުތަރުން ދައްކަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދޫކުރަމުން އަންނަނީ އެ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅާ ޕާޓީތަކަށް ކަމަށާއި އެ ނޫން ފަރާތްތަކަށް އެ ކޮމިޝަނުން ފައިސާ ދޫކުރަމުން ނުދާ ކަމަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލަކީ، ރަޖިސްޓްރީކޮށްފައި ޕާޓީތަކުގެ ތެރެއިން 40 ޕަސެންޓް ހުރިހާ ޕާޓީއަކަށް އެއްވަރަކަށް އަދި އަނެއް 60 ޕަސެންޓް ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަހާލައިގެން ޕާޓީތަކަށް ލިބޭ ޖުމްލަ ފައިސާ ކަނޑައަޅާ ގޮތަށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނު ހަރަކާތްތެރި ނުވާ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވަން. ނަމަވެސް އެކަމުގެ ބާރެއް ނޯވޭ. ދެން ކޮންމެ އަހަރެއްގެ ވެސް ޖުމްލަ ބަޖެޓުން މި ކަނޑައަޅާ ފައިސާ އޮޑިޓް ރިޕޯޓް ހުށަހަޅާ ޕާޓީތަކަށް ދޫކޮށްލެވެނީ،" ފުއާދު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވެސް އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ޕާޓީތަކަށް ފައިސާ ދޫކުރެވޭ ގޮތް ހަރުދަނާކޮށް މިހާރު ފައިސާ ދޫކުރެވޭ ގޮތް ހުއްޓުވައި އެހެން ގޮތަކަށް އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ބޭކާރު ފައިސާގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެކަން އިސްލާހުކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަންނަނީ ސިޔާސީ ޕާޓީތަކުގެ ބިލެއް އެކުލަވާލަމުންނެވެ. އެ ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 5000 މީހުން ހަމަވެގެން ކަމަށާއި އަދި ޕާޓީތަކަށް ބަޖެޓުން ފައިސާ ދޫކުރެވޭނީ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވެގެން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.