ދެހާސް ސާދަ ވަނަ އަހަރުގެ އޭފްސީ ޗެލެންޖު ކަޕް ދިވެހި ރާއްޖޭގައި ބޭއްވުމަށް، އޭޝިއަން ފްޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ކޮމްޕެޓިޝަން ކޮމެޓީން އިއްޔެ ނިންމި ނިންމުމަށް، އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވެސް ތާއީދު ކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަލީ އާޒިމް އޭނާގެ ޓުވިޓާ އެކައުންޓްގައި ލިޔުއްވާފައި ވަނީ، "އޭއެފްސީ ޗެލެންޖް ކަޕް ދިވެހި ރާއްޖޭގައި ބޭއްވުމަށް ކޮމްޕެޓިޝަން ކޮމެޓީން ނިންމި ނިންމުމަށް އަމަލުކުރުމަށް އެގްޒެކެޓިވް ކޮމެޓީން ނިންމައިފި ކަމަށާއި އަދި އެއާ އެކު މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެ އަށް މުބާރާތުން ޖާގައެއް ވެސް ދިނުމަށް ވެސް ނިނަމާފައިވާ ކަމަށެވެ."

ކޮލިފައިން އަށް ފަހު އަށް ގައުމު ކުޅޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭ މުބާރާތް ބާއްވަން ރާއްޖެއާ އެކު ދެން ވާދަ ކުރީ ޕިލިޕީންސެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމުމުން އަންނަ އަހަރު ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅޭކަށް ނުޖެހޭނެ އެވެ. އެ މުބާރާތް ކުޅެން އެފްއޭއެމުން ހުށަހަޅާފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއީ އައްޑު އަތޮޅު ހިތަދޫ ޒޯން ސްޓޭޑިއަމެވެ.