ގަލޮޅު ދެނުކު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ހިންގި ޒުވާބެއްގައި މަޖިލީހުގެ ތަކެއްޗަށް މަހުލޫފު ގެއްލުންދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް، ސަބް އިންސްޕެކްޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލާއިގެ ތަހުގީގުގެ ބޮޑު ބައި ނިމިފައިވާ ކަމަށާއި މަހުލޫފުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ މައްސަލައަށް ހެކި ނެގުމުގެ މަސައްކަތް ކަމަށް ހަނީފު ވިދާޅުވި އެވެ.

ނަމަވެސް މަހުލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ. މަހުލޫފު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ކޮމެޓީއެއްގެ މައިކެއް ބިންދާލައި، ތަނުގެ ތެރޭގައި "ހާޖާނު" އުފެއްދި ކަމަށެވެ.

މަޖިލީހުގެ ތަކެއްޗަށް މަހުލޫފު ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ އިރު، ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރުމުގެ ދައުވާ ވެސް ވަނީ މަހުލޫފުގެ މައްޗަށް އުފުލައި ޝަރީއަތް ފަށައިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތު މަހުލޫފުގެ މައްޗަށް އުފުލާފައިވާ އިރު، މާޗް 19، 2012 ވަނަ ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ ޗެންބަރުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.