މަސްތުވާތަކެއްޗާ ބަނގުރާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހދ. ހޮޑައިދޫން ފުލުހުން ހައްޔަރުކުރި ގ. ހިލިހިލާގެ ހަމްދާން ޒަކީގެ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓް އަމުރެއްގެ ދަށުން އޭނާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ހަމްދާން ޒަކީ ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޭނާ އަކީ ފިޓްޖެހޭ މީހަކަށް ވާތީ ކޯޓުގައި އޭނާގެ ފަރާތުން އެދުމުން އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ހަމްދާން ޒަކީ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ގެއަށް ބަދަކުރުރުމުމުގެ ކުރިން ހަމްދާން ޒަކީގެ އެދުމުގެ މަތިން އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ޑޮކްޓަރަށް ދެއްކުމަށް ޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފިޓް ޖެހިގެން އޭނާ އަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓަށާއި ފުލުހުންގެ އިދާރާ އަށް ހަމްދާން ޒަކީ ވަނީ އޭނާގެ ޕާސްޓް މެޑިކަލް ހިސްޓްރީގެ ރިޕޯޓްތައް ހުށަހަޅައިފަ އެވެ.

ހަމްދާން ޒަކީގެ އިތުރުން އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސ. ހުޅުދޫ ރީފްސައިޑް، ޖާދުﷲ ޖަމީލު ވެސް ހިމެނެ އެވެ. އެދެމީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މއ. މަނާގެ މުހައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުން ކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުހައިލް ރަނާ ހިމެނެ އެވެ. ނަމަވެސް އެއެންމެން ދޫކޮށްލައިފައި ވަނީ އެމީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.