29 Nov 2012, 11:52
ޖީއެމްއާރް އެގްރިމެންޓް ބާތިލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޖީއެމްއާރް ރާއްޖެ އިން ފޭބުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ދެއްކެވި ވާހަކަތަކުން ޖުމްހޫރީ ޕާޓީ ބަރީއަތްވެގެންވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި އަލްހާން ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އެގްރިމެންޓް ކުރެވުނު ހިސާބުން ފެށިގެން އެގްރިމެންޓަކީ ބާތިލު އެއްޗެއް ކަމަށް ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވިޔަސް، ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިޔާއަތްކޮށް ޖީއެމްއާރް އެގްރިމެންޓަކީ ބާތިލް ކުރެވޭނެ އެގްރިމެންޓެއް ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނަނީ އަލްހާން ދެއްކެވި ވާހަކަފުޅުތަކަކީ އެ ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމައިގެން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ހިތާމަކުރާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެއާޕޯޓް މައްސަލައިގާ، އެ ޕާޓީން ދެކޭ ގޮތް ބަދަލެއް އައިސްފައެއް ނުވާނެ ކަމަށާއި ކުރީގެ ސަރުކާރާ ދެކޮޅަށް ނުކުތް ހަތަރު ޕާޓީ ސޮއިކޮށް ޖޫން 26، 2010ގައި ނެރެފައިވާ ބަޔާނަށް އެ ޕަޓީން ފުރިހަމައަށް އިހްތިރާމް ކުރާ ކަމަށް ބުނެފައިވެ އެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި އަލްހާން ވިދާޅުވީ ފޮރިން އިންވެސްޓުމަންޓްތަކަށް ބަލާލުމެއް ނެތި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ މިލިޓަރީ ވެރިކަމެއްގައި އަމަލު ކުރާ ގޮތަށް ކަމަށެވެ.
"މެރިޖް ކޮންޓްރެކްޓްތަކެއް ރޫޅާލާ އުސޫލަކުން އިންޓަނޭޝަނަލީ ބައިންޑިން ކޮންޓްރެކްޓްތަކެއް އެހެން ރޫޅައެއް ނުލެވޭނެ. އާޒިމާ ޝަކޫރު ވިދާޅުވިޔަކަސް... ބައިނަލްއަގުވާމީ ކޮންޓްރެކްޓުތަކާއި މުއާހަދާތަކުގެ އިންތަކުގެ ބޭރުން އެގޮތަކަށެއް އެއްބަސްވުންތަކެއް ބާތިލެއް ނުކުރެވޭނެ،" އަލްހާން ވިދާޅުވެފައިވެ އެވެ.
އަލްހާންގެ ވާހަކަފުޅުތަކާ ދެކޮޅަށް ޖުމްހޫރީ ޕާޓީން އިއްޔެ ނޫސްބަޔާން ނެރުނު އިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕޮލިސް ކޮމިޝާނަރު އަބްދުﷲ ރިޔާޒްގެ އިސްތިއުފާއަށް އަލްހާން ފަހުމީ ގޮވާލެއްވުމުން ވެސް ޖުމްހޫރީ ޕާޓީން އެކަމާ ދެކޮޅަށް ވެސް ނޫސްބަޔާން ނެރުނެވެ.
ޖީއެމްއާރު އެއްބަސްވުން އުވާލުމާ ގުޅޭ ގޮތުން އާޒިމާ ވިދާޅުވެފައި ޖީއެމްއާރާ އެކު އެއްބަސްވުމުގައި ސޮއިކުރި ހާލަތާއި އޭގެ ފަހުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)އާ ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމާއި އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެމްއާރަށް ސަރުކާރުން ފޮނުވި ސިޓީތަކާއި އަދި އެގްރިމަންޓްގައި ސޮއިކުރުމަށް ފަހު ހިނގާފައިވާ ކަންތަކަށް ވެސް ބެލުމަށް ފަހު ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ނޫންކަމަށް ލޯޔަރުން ލަފާދެއްވާފައިވާތީ ކަމަށެވެ. އަދި އެ އެގްރިމެންޓަކީ ސައްހަ އެއްޗެއް ނޫން ކަމަށް އެކަމުގައި ލަފާހޯދި އިނގިރޭސިވިލާތާއި ސިންގަޕޫރާއި ރާއްޖޭގެ ގާނޫނީ ވަކީލު އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.