ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ކުރީގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރާއި އޭނާގެ އަންހެނުން މަރިޔަމް ފާއިޒާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ފުލުހުންގެ ތަރުޖަމާން ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ހޮނޑައިދޫގެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅިގެން ހާމިދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު 3:00 ކަމަށެވެ. ހާމިދު ވަނީ އެ މައްސަލައިގައި މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި ޒުހައިރުގެ ދެމަފިރިންނަށް ޗިޓު ފޮނުވާފައި ވަނީ މިއަދު މެންދުރު 12:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ކަމަށް ހަނީފު ވިދާޅުވި އެވެ. އަދި ޖާބިރު ވެސް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ. ނަމަވެސް ޖާބިރަށް އަދި މިހާތަނަށް ވެސް ޗިޓް ރައްދުވެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލައިގެ ދެން ހާޒިރުކުރާ އަނެއް ތިން ބޭފުޅުންނަށް ވަނީ ޗިޓް ރައްދުވެފައި. އެ ބޭފުޅުން ހާޒިރުކުރަނީ އެ މައްސަލައިގެ [ހޮނޑައިދޫ]ގެ މައްސަލައިގެ ތަހުގީގަށް އަދިވެސް މައުލޫމާތު ބޭނުންވާތީ،" ހަނީފު ވިދާޅުވި އެވެ.

އެބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރާއިރު ހދ. ހޮނޑައިދޫގައި ބަނގުރާބޮއި މަސްތުވެގެން ތިބި ކަމުގެ ތުހުމަތުގައި ފުލުހުން އެރަށަށް އަރައި އެބޭފުޅުންނާއި އެކު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރީގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އިބްރާހީމް ހުސެން ޒަކީ އާއި އަދިވެސް އިތުރު ބަޔަކު ވަނީ އެ ރަށުން ހައްޔަރުކޮށްފަ އެވެ.

އެ ރަށުން ހައްޔަރު ކުރި މަޖިލީހުގެ ދެ މެންބަރުންނާއި އެހެންވެސް ފަރާތްތައް ފުލުހުން ދޫކޮށްލީ ހދ. ކުޅުދުއްފުށީ ކޯޓަށް ގެންދިޔުމުން އެ މީހުން ބަންދުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ބުނެ ކޯޓުން އެ މީހުން ދޫކޮށްލަން އަމުރުކުރުމުންނެވެ. ފުލުހުން ބުނެފައިވަނީ ހޮނޑައިދޫއިން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ފެނިފައިވާ ކަމަށެވެ.