29 Nov 2012, 11:03
ފަސްވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ ސެމީފައިނަލްގައި ރޭ ޏ. ފުވައްމުލަކު ބެޑްމިންޓަން ޓީމާއި ނ. ހޮޅުދޫ ބައްދަލުކޮށް ފައިނަލްގެ ޖާގައެއް ފުވައްމުލަކު ޓީމު ކަށަވަރު ކޮށްފި އެވެ. އަދި އައްޑޫ ހޮރައިޒަން އެކަޑަމީ ބެޑްމިންޓަން ޓީމާ ވާދަކޮށް ބ. އޭދަފުށި ބެޑްމިންޓަން ޓީމުވެސް ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.
ހޮރައިޒަން އެކަޑެމީ އާއި އޭދަފުށީ ޓީމް ވާދަކުރި ޓައިގެ ފުރަތަމަ ސިންގަލްސްގައި އޭދަފުށީ ބީޑީސީގެ އަބްދުލް މަތީން އަހްމަދު އާއި ހޮރައިޒަންގެ އިބްރާހީމް މުހައްމަދު ވާދަކޮށް ފަސޭހަކަމާއެކު ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ މަތީން އެވެ. އަދި ފުރަތަމަ ޑަބަލްސްގައި ހޮރައިޒަންގެ އިބްރާހީމް ނަޝީދު އަދި މުނީޒު އާއި ވާދަކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކުރީ އޭދަފުށީ ޓީމްގެ ތޮލާލް އަބްދުއްރަޙްމާން އާއި އަބްދުލް ބާރީ މުހައްމަދު އެވެ. މިޓައިގެ ދެވަނަ ޑަބަލްސްގައި ހޮރައިޒަންގެ އައްފާނު އަދި އަދުރޭއާ ވާދަކޮށް މެޗް ކާމިޔާބުކުރީ އޭދަފުށީ ޓީމުގެ މަތީން އާއި ހުސައިން މުހައްމަދު އެވެ. އަދި މިމެޗުން މޮޅުވުމާ އެކު މި ޓައިގެ ތިން މެޗުން މޮޅުވެ އޭދަފުށީ ޓީމަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބުނީ އެވެ.
ރޭ ދެންކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ ސިންގަލްސް ގައި ނ. ހޮޅުދޫ ބެޑްމިންޓަން ޓީމުގެ އަބްދުﷲ މުތީއު އާއި ވާދަކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކުރީ ފުވައްމުލަކު ޓީމުގެ ސައުދުﷲ އެވެ. އަދި ފުރަތަމަ ޑަބަލްސްގައި ހޮޅުދޫ ޓީމުގެ މުމްތާޒު އިބްރާހިމް އަދި މުހައްމަދު ނޫރައްދީންއާ ވާދަކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކުރީ ބީޑީސީގެ އާސިމް އާއި ނަސީރު އަލީ އެވެ. މި ޓައިގެ ދެވަނަ ޑަބަލްސްގައި ބީޑީސީގެ މުހައްމަދު އަދި ޝަޒީމްއާ ވާދަކޮށް މެޗް ކާމިޔާބުކުރީ ހޮޅުދޫ ޓީމުގެ މުހައްމަދު ނޫރައްދީން އާއި އަބްދުﷲ މުތީއު އެވެ. އަދި ދެވެނަ ސިންގަލްސްގައި ބީޑީސީގެ އާސިމް އާއި ވާދަކޮށް މެޗް ކާމިޔާބުކުރީ ހޮޅުދޫ ޓީމުގެ އަލީ ރިޒްމީ އެވެ. ފޯރިގަދަ އަދި ދިގުދެމިގެން ދިޔަ މިޓައިގެ ތިންވަނަ ޑަބަލްސްގައި ހޮޅުދޫ ޓީމުގެ މުހައްމަދު މުސްޠަފާ އަދި ހުސައިން ހިފާޒު އާއި ވާދަކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކުރީ ފުވައްމުލަކު ޓީމުގެ ސައުދުﷲ އާއި ނަސީރު އަލީ އެވެ.
ފަސްވަނަ އަތޮޅު ލީގު މުބާރާތުގެ ތިންވަނަ ހޮވާމެޗް މިރޭ މާލޭ ކުޅިވަރު އެކުވެނީގައި އޮންނާނެ އެވެ. މި މެޗުގައި ވާދަކުރާނީ އައްޑޫ ހޮރައިޒަން އެކަޑަމީ ބެޑްމިންޓަން ޓީމާއި ނ. ހޮޅުދޫ ބެޑްމިންޓަން ޓީމެވެ. އަދި ހަމަ މިރޭ 39 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗްވެސް ކުރިއަށް ގެންދާނެ އެވެ. މި ފައިނަލް ގައި ވާދަކުރާނީ އާކު ބެޑްމިންޓަން ޓީމާއި ކުލަބް އީގަލްސް އެވެ. އެ މެޗްފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.
އަތޮޅު ލީގު މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައެވެ.