29 Nov 2012, 10:27
އެއާޕޯޓް ކޮންޓްރެކްޓް ބާތިލް ކުރުމަށް ސަރުކާރުން ނިންމާފައި ވާތީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޖީއެމްއާރުގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި ވިސާތައް ކެންސަލް ކުރާނެ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސާ މުހައްމަދު ހާލިދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެއާޕޯޓު އަނބުރާ ހަވާލުކުރުމަށް ޖީއެމްއާރަށް ހަތް ދުވަހުގެ މުއްދަތެއް ސަރުކާރުން ދީފައިވާތީ އެ މުއްދަތު ހަމަވުމުން ޖީއެމްއާރު މުވައްޒަފުންނަށް މިހާރު ދޫކޮށްފައިވާ ވިސާތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ގަވާއިދުގައި އެކަންތައް އޮންނަ ގޮތްކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.
"ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުގެ މުއައްސާސަތަކުން ބޯލަބަން ޖެހޭނެ.އެގޮތަށް ނިންމީ،" ހާލިދު ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ވަހީދު ސޮއިކުރައްވައި އިމިގްރޭޝަންގެ ވޯކްވިސާ ސެކްޝަނަށާއި ފޮރިން އެންޕްލޯއިމަންޓް ސެކްޝަން އަދި ކޯޓާ ޔުނިޓަށް އިއްޔެ މެމޯއެއް ފޮނުވާ އަންގާފައި ވަނީ ސަރުކާރުން ވަކިގޮތެއް އަންގަންދެން ޖީއެމްއާރަށް އިތުރު އެއްވެސް ވޯކް ޕާމިޓަކާއި ވޯކް ވީސާއެއް ދޫނުކުރުމަށް އަންގާ ކަމަށެވެ.
ސަރުކާރުން ޖީއެމްއާރަށް އަންގާފައި ވަނީ އެގްރިމަންޓް ބާތިލްކުރަން ނިންމާފައިވާ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި އެއާޕޯޓުން ފައިބަންޖެހޭނެ ކަމަށެވެ. އަދި ތަކެތި ގެންދަން 30 ދުވަސް ދީފައިވާ ކަމަށެވެ. ނަމަވެސް ޖީއެމްއާރުން ބުނެފައި ވަނީ އެ އެންގުމަށް އެ ކުންފުނިން ތަބާ ނުވާނެ ކަމަށެވެ.