29 Nov 2012, 10:18
އިންޑިއާގެ ޖީއެމްއާރް އިންފްރާސްޓްރަކްޗާ އާއި މެލޭޝިއަން އެއާޕޯޓްސް ހޯލްޑިން ގުޅިގެން އުފެއްދާފައިވާ ކޮންސޯޓިއަމްއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލުމާ އެކު ޖީއެމްއާރުގެ ހިއްސާގެ އަގު ދަށަށް ހިނގައްޖެ އެވެ.
ރޮއިޓާސް، އިންޑިއާ އިން ބުނީ އެއާޕޯޓްގެ އެއްބަސްވުން އުވާލުމާ އެކު ޖީއެމްއާރުގެ ހިއްސާގެ އަގު 4.5 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.
ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލައި އެއާޕޯޓް ދޫކޮށް ދިއުމަށް އެކުންފުންޏަށް ހަފުތާއެއްގެ މުހުލަތު ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެއްބަސްވުން އުވާލުމަށް ފަހު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެ އެއްބަސްވުމަކީ ސޮއިކުރި ވަގުތުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ.
އެއްބަސްވުން އުވާލުމުން އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އެއީ ފޮރިން އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިސަރުކާރުން ދިން ވަރަށް ނުބައި ސިގްނަލެއް ކަމަށެވެ. އަދި އެމައްސަލައިގާ ދިވެހިސަރުކާރާ ވާހަކަދައްކާނެ ކަމަށާއި ރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތަކާއި އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ނަމަވެސް ޖީއެމްއާރު މައްސަލައިގާ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބައިލެޓަރަލް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓް (އެމްއޭސީއެލް) އާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އެމްއޭސީއެލް އިން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު އަޅުގަނޑުމެން މިތިބީ،" ރައީސް ވަހީދު ވިދާޅުވި ކަމަށް ޕީޓީއައި އިން ބުންޏެވެ.