29 Nov 2012, 09:55
ޖީއެމްއާރުގެ ކޮންޓްރެކްޓް ބާތިލް ކުރުމާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި "ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ނެތް" ކަމަށް ބުނެ އެ ބަޔާނަށް ދިވެހި ސަރުކާރުން ފިނިޖަވާބެއް ދީފި އެވެ.
ސަން އޮންލައިންއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު އިއްޔެ ވިދާޅުވީ އިންޑިއާ އިން ނެރުނު ބަޔާނުގައި މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރާއްޖޭގައި ތިބި އެގައުމުގެ މީހުންނާއި މުދަލުގެ ސަލާމަތާ މެދުގައި ކަމަށެވެ. އަދި އިންޑިއާ އިން އެކަންކަމާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ޖީއެމްއާރު ކޮންޓްރެކްޓް ބާތިލު ކުރުމުގެ މާކުރިން ވެސް ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނާއި އެ ގައުމުގެ މުދަލުގެ ރައްކާތެރި ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން އިންޑިއާ އަށް ދީފައިވާނެ ކަމަށެވެ. އަދި ޖީއެމްއާރު ކޮންޓްރެކްޓް ބާތިލު ކުރަން ޖެހެނީ ދިވެހި ދައުލަތަށް ގެއްލުމާ ކުރިމަތިވާތީ ކަމަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޮންނާނީ އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކުރާ އެގައުމުގެ ރައްޔިތުންނާއި މުދަލަށް ރާއްޖޭގައި ފުރިހަމަ ރައްކާތެރިކަން އޮތްކަން ކަށަވަރުކޮށްދީފައި. އަޅުގަނޑުމެން އެކަން ކަށަވަރު ކުރާނަން،" މަސްއޫދު ވިދާޅުވި އެވެ.
އެއާޕޯޓް ހިންގަން 2010 ވަނަ އަހަރު ޖީއެމްއާރާ އެކު ކުރި އެއްބަސްވުން މިދިޔަ ބުދަ ދުވަހު ސަރުކާރުން ބާތިލު ކުރިތާ މާގިނަ އިރެއް ނުވެ އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތަކާއި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހިސަރުކާރަށް ގޮވާލާ ކަމަށެވެ. ރާއްޖޭގެ ހާލަތު ކައިރިން ބަލަމުންދާނެ ކަމަށާއި ރާއްޖޭގައިވާ އެގައުމުގެ މަސްލަހަތުތަކާއި އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިންޑިއާގެ ނޫސްތަކަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކުރިއަސް ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބަދަލެއް އައިސްފާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.