ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލުނުވެފައި އޮތް ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި ބޯހިޔާ ވަހިކަމުގެ މައްސަލަ ވަނީ އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގަ އެވެ. މާލޭގައި އާންމު ދިރިއުޅުމެއް އުޅޭ ގޭބިސީތަކުގެ ހާލަކީ ކުޑަތަންކޮޅުގައި ވެސް 20 އަކަށް 15 ވަރަކަށް މީހުން އެކީގައި ދިރިއުޅެން ޖެމެވެ. އެ ހާލުގައި އެތައް އަހަރެއް ވީއިރު ވެސް އެކަމަށް އަދި ހައްލެއް ނުހޯދެ އެވެ.

ކޮންމެ ސަރުކާރަކުން ވެސް ތަފާތު ވާހަކަތަކާއި ޕްލޭންތައް ކުރަހަ އެވެ. އާންމު ގޮތެއްގައި ފުލެޓްތައް އެޅުމުގެ ވާހަކަ އަކީ ކޮންމެ ސަރުކާރެއްގެ ވެސް ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ ކުރީގައި އޮންނަ އަމާޒެވެ. އެގޮތުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ ވެސް އިންޑިއާ ސަރުކާރުގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެކަނިވެސް މާލޭގައި 500 ފްލެޓް މާލޭގައި އެޅުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އޭގެ ކުރީ ސަރުކާރުންތަކުން ވެސް ބިނާ ކުރީ ފުލެޓެވެ. އާ ސިޔާސަތުތަކާ އެކު އައި ސަރުކާރުގައި ވެސް ހަމަ އޮތީ އެ ސިޔާސަތެވެ. ނަމަވެސް މަތިމައްޗަށް ފުލެޓް އެޅުމަކީ ހައްލެއް ބާއެވެ؟

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މާލެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހިފައިވާ ވެރިކަން ކުރާ ރަށް ކަމަށްވާ އިރު މާލޭގައި އިތުރަށް ފްލެޓް އެޅުމަކީ "ވަރަށް ހަމަނު ޖެހޭ" ކަމެކެވެ. އެހެންކަމުން މާލޭގައި ފަށާގޮތަށް ކުރީގެ ސަރުކާރުން ހަމަޖައްސާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ނުފަށާއި ހުރި ހުރިހާ މަޝްރޫއުތައް ހުޅުމާލެ އަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހިފައި އޮތް ވެރިކަން ކުރާ ރަށް. މިތާގައި އިތުރަށް ފްލެޓް އެޅުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ނިންމާފައި މިއޮތީ ނުފައްޓާ ހުރި ހުރިހާ މަޝްރޫއެއް ހުޅުމާލެ އަށް ބަދަލު ކުރަން. މާލެއަށް މިހާރު ބޭނުން ވަނީ ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ކުދިން ކުޅެއުޅޭނެ ތަންތަން. މާލެ އެބަޖެހޭ މިހާރު ރީ ޑިވެލޮޕް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭއަކީ ރާއްޖޭގެ 300،000 އާބާދީގެ ތެރެއިން 100،000 މީހުން ދިރިއުޅޭ އެވެ. ނަމަވެސް ހަގީގަތަކީ މާލޭގެ ބިމަކީ 100،000 މީހުން ދިރިއުޅުމަށް ކުޅަދާނަ ބިމެއް ނޫންކަމެވެ. މާލެއަށް އާބާދީގެ ބޮޑު ބައެއް ބަދަލުވަނީ ސަބަބުތައް ވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ނެތް ތައުލީމާއި ސިއްހަތާއި މިހެން ގޮސް ނަން ހުސްކޮށް ހިދުމަތްތައް ގާއިމްވެފައި ހުރީ މާލޭގަ އެވެ. ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްވެފައި ހުރީ މާލޭގަ އެވެ. ހުސްއެކަނި މާލޭގައި ފުލެޓް އެޅުމުގެ ބަދަލުގައި މާލެ ފަދަ އެތައް ސިޓީއެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމުގެ ހިޔާލަކީ މުހިންމު ހިޔާލެކެވެ.

ކުރީގެ ޕްލޭނިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ކޮންމެވެސް ވަރަކަށް މުހިންމު ވަސީލަތްތަކެއް ގާއިމް ކުރެވިފައިވާ ބިން ބޮޑު ރަށްތަކެއް އެބަހުއްޓެވެ. އެހެންކަމުން އެތަންތަނުގައި އިތުރު ހައުސިން ޔުނިޓްތަކާއި އިތުރު ވަސީލަތްތައް ގާއިމް ކުރުމަކީ އޭނާ ވެސް އެއްބަސްވެލައްވާ ކަމެކެވެ.

"އާބާދީ އިތުރަށް ޖަމާވާނެ ފުރުސަތުތައް ބިން ބޮޑު މިހާރު ވެސް ކޮންމެވެސް ވަރަކަށް ވަސީލަތްތައް ގާއިމް ކުރެވިފައި ހުރި ތަންތަނަށް އިތުރު ވަސީލަތްތަކާއި ހައުސިން ޔުނިޓްތައް އިތުރު ކުރީމައި ހަގީގަތުގައި މީގައި ގައުމަށް ބޮޑު ފައިދާތަކެއް ކުރާނީ،" ހަމްދޫން ވިދާޅުވި އެވެ.

ހުޅުމާލެ އެކޭ އެއްގޮތަށް އާމަންޒިލެއްގައި މީހުން ވަޒަންވެރި ކުރުމަށް ގުޅީފަޅު ތަރައްގީ ކުރުމަކީ ސަރުކާރުން ކުރާ ވަރަށް މުހިންމު އެކަމުގެ ފައިދާ ކުރާނެ މަސައްކަތެއް ކަމަށް ފެނެ އެވެ. އަދި ހުޅުމާލޭގައި ޖާގައޮތް މިންވަރަކުން އިތުރު ހައުސިން ޔުނިޓްތައް ގާއިމް ކުރުމަކީ ވެސް ހެޔޮ ބަދަލަކަށް ވާނެ އެވެ.

ވިސްނާލަންޖެހެ އެވެ. މާލޭގައި ހުސްބިންކޮޅެއް އޮންނަ ކޮންމެ ތަނެއްގައި ފަސްބުރި ހަބުރިއަށް ފުލެޓް އިމާރާތްކޮށްފައި އެބަހުއްޓެވެ. މާލޭ ހިޔާ އާއި ސިނަމާލެ ފުލެޓްތަކަކީ އޭގެ މިސާލެކެވެ. ނަމަވެސް އެ ފުލެޓްތަކުގެ މިއަދުގެ ހާލަތާ މެދު ކަޅިއެއް އެއްލާލުމުން ކިތަންމެހަގީގަތްތަކެއް ތިލަވާނެ އެވެ. އެތަންތަން މެއިންޓެއިންއެއް ނުކުރެވެ އެވެ. އެތަންތަން ބާވެ ހަލާކުވެފައިވާއިރު އޭގެން ކޮންމެ ފުލެޓެއްގައި އެތައް އާއިލާތަކެއް އަންނަނީ ދިރިއުޅެމުންނެވެ. އެތަންތަނުގެ މަގުސަދު ހާސިލެއްނުވެ އެވެ.

ރާއްޖޭގެ ރަށްތަކަށް ބަލާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނައީ ކުދި އާބާދީތައް ހިމެނޭ ރަށްތަކެވެ. އެފަދަ ރަށްތަކުގެ ގިނަ މީހުން މާލެގައި ވަޒަންވެރިވެ ވަނީ އެންމެ ފަހުން މާލޭ މީހަކަށެވެ. މިފަދަ ކަންކަން ހައްލު ކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުން ހައްލުހޯދަ އެވެ. މިސާލަކަށް ބުނާނަމަ ޗައިނާ ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޮޑެތި ހަރަދުކޮށް އާ ސިޓީތައް އެންމެ ފަހުގެ ޒަމާނީ ހިދުމަތްތަކާ އެކު ފައްކާކުރެ އެވެ.

ބޭރުގައުމުތަކޭ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ސިޓީ ފެންވަރަށް ރަށްތައް ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރާއްޖެ ހަތަރު ސަރަހައްދެއްގައި ބޮޑެތި ސިޓީތަކެއް ގާއިމް ކުރެވިދާނެ އެވެ. ކުދި އާބާދީތައް އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެ ސިޓީތަކަށް ބަދަލުކުރެވިދާނެ އެވެ. އެއީ ފުލެޓް އެޅުމަށް ވުރެ ކުރުން މާ މުހިންމު ކުރިމަގެއް އޮތް އިންވެސްޓްމަންޓެކެވެ.

ހައުސިންދާއިރާގައި ތަޖުރިބާ ކާރަކު ވިދާޅުވާގޮތުން މާލޭގައި މީހުން ތޮއްޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ މާލެއަށް މީހުން ވަޒަންވެރިވާ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް މާލެއިން އެހެން ހިސާބުތަކަށް މީހުންނަށް ވަޒަންވެރިވެވޭނެ ގޮތްތަކެއް ހަދައިގެންނެވެ. މާލެއާ ދިމާލަށް އަންނަ އާބާދީ އެހެން ދިމާލަކަށް ބަދަލުކޮށްލުމަށް އަވަސް ވިސްނުންތަކެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މާލެއާއި އެއްފެންވަރުގެ ސިޓީތަކެއް ގާއިމްކޮށް އެތަންތަނަށް މީހުން ވަޒަންވެރިވެވޭނެ ގޮތް ހެދުމަކީ އެހާ އުނދަގޫކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. މިސާލަކަށް އޭނާ ނެންގެވީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުންނާއި ތުރުކީގެ ފަރާތުން ރާއްޖޭގައި އަޅާ ފްލެޓްތަކުގެ މަސައްކަތުގެ ސުޕީޑަށް ބަލާއިރު އެއީ ވަރަށް އަވަހަށް ކުރެވިދާނެ ކަމެއްކަމަށެވެ.

"މާލެއިން މީހުން މޫވްއައުޓް ކުރާނެ ގޮތެއް ހަދަން ޖެހޭ. މިޒަމާނުގައި ކޮންސްޓްރަކްޝަނަކީ ވަރަށް ސްޕީޑީކޮށް ކޮށްފިއްޔާ އަވަހަށް ނިންމޭނެ ކަންތައް. އޭގެ ހެއްކެއް ނޫންތޯ ޗައިނާ ސަރުކާރުން އެޅި ފްލެޓްތައް ވެސް ވަރަށް ފާސްޓް ކޮށް ނިންމާލީ ނޫންތޯ. ތުރުކީ މީހުން ހުޅުމާލޭގައި ޑިވެލޮޕްކުރާ 1200 ފްލެޓް ވެސް އެމީހުން ޝެޑިއުލް ކޮށްފައިވާ ގޮތުން ވަރަށް ބާރަށް ނިމޭނެ. އެހެންވީމާ ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައި ސިޓީތައް ގާއިމްކޮށް އެތަންތަނުގައި ހައުސިން ޔުނިޓްތައް އެޅުމަކީ އެހާ އުނދަގޫ ކަމެއް ނޫން،" ތަޖުރިބާކާރު އެބޭފުޅާ ވިދާޅުވި އެވެ.

ފުލެޓް އެޅުމަކީ ބޯހިޔާވަހިކަމަށް އޮތް ހައްލެއް ކަމަށް ބުނެ ލޯނު އެހީގައި ފުލެޓް އެޅުމުގެ އެތައް މަޝްރޫއުތަކެއް ހިންގޭއިރު އެއީ ގައުމަށާއި ދުރުވިސްނުމަށް ފައިދާ ހުރި ކަމަކަށްނުވެ އެވެ. އޭގެ ބަދަލުގައި ފުލެޓްތައް ވަނީ ރައްޔިތުންނަށް އިތުރު ތަކުލީފަކަށެވެ. އެތަންތަން ކުއްޔަށް ދޫކުރާ ރޭޓާއި މި ކަންކަމަށް ބަލާއިރު ފުލެޓް އަޅާ މާލެ ތޮއްޖެއްސުމަކީ އެއްވެސް ކަމެއްގެ ހައްލެއްނޫނެވެ. އެއީ ކަންކަން އިތުރަށް ގޯސްވާކަމެކެވެ. މާލެ އިތުރަށް ތޮއްޖެހި ބޯހިޔާވަހިކަމުގެ މައްސަލައަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ މައްސަލައެކެވެ.