29 Nov 2012, 09:16
އިސްލާމް އާބާދު (ނޮވެމްބަރ 29): ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ޕާކިސްތާނުން ތަޖްރިބާކޮށްފި އެވެ.
ޕާކިސްތާން ސިފައިން މިއަދު ތަޖްރިބާކުރި މި މިސައިލަކީ ހަތްފު-5 މަރުކާގެ މިސައިލެއް ކަމަށާއި މިއީ 1300 ކިލޯ މީޓަރުގެ ރާސްތާއެއްގެ މިސައިލެއް ކަމަށް ސިފައިންގެ ތަރްޖަމާން މޭޖާ ޖެނެރަލް އަސީމް ސަލީމް ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ އިންޑިޔާގެ އެންމެ ފުންމިނަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އަދި ޕާކިސްތާނަކީ ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ބެލަސްޓިކް މިސައިލް އެންމެ ގިނައިން އުފައްދައި އަދި އޭގެ ޓެކްނޮލޮޖީ އެންމެ ބޮޑަށް ތަރައްގީ ކުރުމަށް ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިވާ ގައުމެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ ދާދިފަހުން ބުނެފައިވެ އެވެ.
މިގޮތުން ޕާކިސްތާނުގައި 100 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރާއި ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ 110 މިސައިލް ހުރިކަމަށް ލަފާކުރެވޭ ކަމަށް ވެސް ސީއައިއޭ އިން ބުނެފައިވެ އެވެ. މިގޮތުން ފާއިތުވި އަށް އަހަރު ތެރޭގައި ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ އަށް މިސައިލް ތަޖްރިބާކޮށްފައިވާ އިރު ޕާކިސްތާނުގެ ވާދަވެރި އިންޑިޔާ އިން މިމުއްދަތުގައި ތަޖްރިބާކޮށްފައި ވަނީ މިބާވަތުގެ އެންމެ މިސައިލެއް ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)