29 Nov 2012, 01:11
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ބާއްވަން ނިންމައިފި އެވެ.
މިއަދު ބާއްވާ އޭއެފްސީ އެކްސްކޯ މީޓިންގެ ހަވާސާގައި ބޭއްވި ސާފްގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށާ ގޮތަށެވެ. ސާކްގެ އަށް ގައުމުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފަރުބަދަމަތީގެ ނޭޕާލްގައި ނިންމަން ހަމަޖައްސާފައިވަނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް އޭނާގެ ޓްވިޓާ އެކައުންޓްގައި ލިޔެފައިވެ އެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އަފްގާނިސްތާން ބަލިކޮށް ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިޔާ އެވެ. ރާއްޖެ ސެމީ ފައިނަލުގައި ކެޓީ ވެސް އިންޑިޔާ އަތުންނެވެ.
ސާފް ޗެމްޕިއަންޝިޕުގެ އިތުރަށް ސާފް 16 އަހަރުން ދަށުގެ މުބާރާތް މޭ މަހު އިންޑިޔާގައި ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.