28 Nov 2012, 23:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އޯޑިއޯ އަދި ވިޑިއޯ އޭގެ އަސްލު އޮޅޭ ގޮތަށް، މަންޒަރުތައް އެޑިޓްކޮށްގެން ދެއްކި ކަމަށް ބުނެ ދި ޓީވީގެ ޑިރެކްޓަރުންގެ ބޯޑު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް ހާޒިރުވުމަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނާއިބު ފާތިމަތު ނިއުޝާ ސޮއިކުރައްވައި ދި ޓީވީގެ ސީއީއޯ ޔޫސުފު ނަވާލަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ދި ޓީވީގެ ޑިރެކްޓަރުންގެ ބޯޑު އަންނަ ހޯމަ ދުވަހު ހެނދުނު 9:30 އަށް މަޖިލީހުގެ އިދާރާ އަށް ހާޒިރުވުމަށެވެ. އަދި އެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ނަމާއި މަގާމާއި ގުޅޭނެ ނަމްބަރު އާދިއްތަ ދުވަހު މެންދު 12ގެ ކުރިން އެންގުމަށް ވެސް ސިޓީގައި އަންގާފައިވެ އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މުގައްރިރުކަން ކުރައްވާ އާންމު ކޮމެޓީ އަށް ދި ޓީވީގެ ޑިރެކްޓަރުންގެ ބޯޑު ހާޒިރު ކުރަނީ ކޮމެޓީ އަށް ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ބޭނުމުގައި ކަމަށް މަޖިލީހުން ދި ޓީވީ އަށް ފޮނުވި ސިޓީގައިވެ އެވެ.
މި މަހު 21 ވަނަ ދުވަހު ދި ޓީވީގެ އެެޑިޓަރު މިއަދުހަތު އާދަމް ވެސް ވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.