28 Nov 2012, 22:59
ރާއްޖޭގައިކުރާ ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމަށް މެރިން ސްޓުވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް ހާސިލް ކުރެވުމާ ގުޅިގެން މިއަދަކީ އެ ސިނާޔަތަށް އިންގިލާބެއް ގެނުވި ދުވަހެއް ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އޮފީސް ކޮމްޕްލެކްސް، ވެލާނާގޭގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ އެމްއެސްސީ ސެޓްފިކެޓް ލިބުމާ ގުޅިގެން ރާއްޖޭގައި ކުރާ ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމަކީ ރާއްޖޭގެ ކަނޑުތަކާއި ދިރޭ ތަކެއްޗަށް ބަލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމެއް ކަމަށް ދުނިޔެ އަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ލިބުނު ކާމިޔާބީގެ ހަގީގީ ހިއްސާދާރުންނަކީ ރާއްޖޭގެ މަސްވެރިން ކަމަށާއި އެ ފަރާތްތަކުންކުރާ މަސްވެރިކަމަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ ފަދަ މަސްވެރިކަމަކަށް ނުވާ ނަމަ އެ ސެޓްފިކެޓް ނުލިބުނީސް ކަމަށެވެ.
އެމްއެސްސީ ސެޓްފިކެޓަކީ މަސްވެރިކަމުގެ ވާދަވެރި މާހައުލެއްގެ ތެރެއިން ހާސިލް ކުރަން އެހާ ފަސޭހަ އެއްޗެއް ނޫން ކަމަށާއި ނަމަވެސް ރާއްޖެ އިން އެކަމާ ވަކާލާތުކޮށްގެން އެކަން ކާމިޔާބު ކުރެވުމަކީ ކޮންމެ ދިވެހި ދަރިޔަކު ވެސް އެކަމާ ފަޚުރުވެރިވުން ހައްގުކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދަކީ ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް ގެނައި ތާރީޚީ ދުވަހެއް. މި ސެޓްފިކެޓް ލިބުނީމާ ދުނިޔޭގެ ބާޒާރުގައި އަޅުގަނޑުމެންގެ މަސްވެރިކަމަށް ދީފައި އޮތް ދަރަޖަ މަތިވެއްޖެ. މި ސެޓްފިކެޓް ހާސިލް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑުމެން މި ކަމަށް މިއަންނަނީ ވަރަށް ކުރިން ފެށިގެން ވަކާލާތު ކުރަމުން،" ޝަފީއު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެ އިން ބޭރުން މަސް ގަންނަ ބޮޑެތި ކުންފުނިތަކުން 2014 ވަނަ އަހަރުން ފެށިގެން ދޮށީގެ މަސްވެރިކަމުން ބާނާ މަސް އެކްސްޕޯޓް ކުރާ އިރު އީކޯ ލޭބަލް ޖަހައި އެމްއެސްސީ ސެޓިފައިވެފައި ހުންނަ މަސް ނޫނީ އެ މީހުންގެ ޝޯކޭސްތަކުގައި ނުބަހައްޓާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މުސްތަގުބަލުގައި ރާއްޖެ އިން ބާނާ މަސް ބޭރުގެ މާކެޓްތަކަށް ފޮނުވަން ބޭނުން ނަމަ އެ ޝަރުތުތަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެހާސް ސާދަ އާ ހަމައަށް ދޮށީގެ މަސްވެރިކަމުގައި އީކޯ ލޭބަލް ޖަހާފައި އެމްއެސްސީ ސެޓިފައިވެފައި ހުންނަ ޕްރޮޑަކްޓްސް ނޫނީ އެމީހުންގެ ޝެލްފްތަކުގައި ނުބަހައްޓާނެ ކަމަށް އޮތީ އަންގާފައި. އެހެންވީމާ ރާއްޖޭގެ މަސް މިދެންނެވި މާކެޓްތަކަށް ފޮނުވަން ބޭނުން ނަމަ އަޅުގަނޑުމެން އެބަޖެހޭ އެ ޝަރުތުތައް ފުރިހަމަ ކުރަން،" ހުސެއިން ވިދާޅުވި އެވެ.
މެރިން ސްޓުވާޑްޝިޕް ކައުންސިލް (އެމްއެސްސީ) އަކީ ދުނިޔޭގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހިންގާކަން ކަށަވަރު ކުރުމަށް ޓަކައި ސެޓްފިކެޓްދޭ ބައިނަލްއަގްވާމީ ޖަމާއަތެކެވެ.