ބަންގުރާ ބުއިމުގެ ތުހުމަތުގައި ހދ. ހޮޑައިދޫން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން އަނެއްކާ ވެސް ނިންމައިފި އެވެ.

ސަން އޮންލައިނުން މިރޭ ދެންނެވި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ ހދ. ހޮޑައިދޫގައި ތިއްބަވައިގެން ރާބުއިމުގެ ތަހުގީގަށް ޖާބިރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި މިއަދު ޖާބިރާ ޗިޓް ހަވާލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"ހދ. ހޮނޑައިދޫގެ މައްސަލާގައި ތަހުގީގަށް އެބޭފުޅާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރީ. ދެން އެ ބޭފުޅާ އެވަގުތު މަޖިލީހުގައި ހުންނެވީމާ އަޅުގަނޑުމެންނަށް ޗިޓް ހަވާލުނުވީ." ހަނީފް ވިދާޅުވި އެވެ.

ޖާބިރު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފުލުހުން މަސައްކަތް ކުރިކަން އޭނާ ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ރޫމްގައި ޖާބިރު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ފުލުހުންގެ އިދާރާ އަށް އޭނާ ހާޒިރު ވުމަށް އެދި ޗިޓެއް ހަވާލު ކުރަން ފުލުހުން މަސައްކަތް ކުރި ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ އިދާރާ އަށް އޭނާ ހާޒިރު ކުރަން ބޭނުން ވަނީ އޭނާގެ ޑީއެންއޭ ޓެސްޓް ކުރުމަށް ކަމަށާއި އަދި އެކަމަށް ޓަކައި ކޯޓް އަމުރެއް އޮތް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި ކަމަށެވެ.

"ފުލުހުން މިއަދު އަޅުގަނޑު މަޖިލީހުގައި ހުއްޓައި ޗިޓެއް ހާވާލު ކުރަން ގުޅުއްވި. އަޅުގަނޑު ދެންނެވީ މަޖިލީހުގައޭ މިހުރީ. ދެން އަޅުގަނޑު އެހިން ކީއްކުރަން، ކޮންކަމަކާ ގުޅޭ ޗިޓެއްތޯ. ފުލުހުންގެ އޮފިސަރު ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ޑީއެންއޭ ޓެސްޓް ކުރަން ވެގެންނޭ. އެ މައްސަލާގައި އަޅުގަނޑު ފުލުހުންނަށް ދެންނެވީ އެ ކޯޓް އަމުރު އިސްތިއުނާފުކުރަން ބޭނުމޭ ހައި ކޯޓްގައި." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މީގެ ކުރިން ވެސް އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ކަމަށާއި އަދި އެފަހަރު އޭނާ ހަނު ހުންނެވުމުން ދެންވެސް އޭނާގެ ޑީއެންއޭ ސާމްޕަލް ދިނުމުގެ އަމުރެއް ނުނެރެވޭނެ ކަމަށެވެ.