28 Nov 2012, 21:20
ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ މެދު ޝަރިއަތުން ވަކިގޮތެއް ނިންމުމުގެ ކުރިން އެ މައްސަލައަކާ ގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށްވާތީ އެފަދަ އަމަލުތައް ނުހިންގުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.
މިގޮތަށް އަމުރުނެރެފައި މިވަނީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ހުޅުމާލޭ ކޯޓަކީ ގާނޫނާ ހިލާފުކޯޓެއް ކަމަށް ކޮމެޓީ އަށް ފެންނަ ކަމަށް ފާސްކޮށްފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ)ގެ ދަށުން ޝަރުއީ ނިޒާމަކީ މިނިވަން މުސްތަގިއްލު ނިޒާމެއް ކަމަށާއި ދައުލަތުގެ އެއްވެސް ކަމެއް ހިންގުމާއި ހަވާލުވެ ހުރި މީހަކުވިޔަސް އަދި އަމިއްލަ ފަރުދަކު ވިޔަސް ފަޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވާހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައިވާ ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމަކާ މެދު ބަހުސް ކުރުމާއި އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމުމާއި ފިޔަވަޅެއް އެޅުމަކީ ވެސް ހަމަ އެ މާއްދާގައި ބުނާފަދަ އަމަލަކަށް ވާތީ އޭގެން އެއްވެސް މައްސަލައަކަށް އަސަރުފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާތިލް ނިންމުމެއް ކަމަށް އަމުރުގައިވެ އެވެ.
"ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރުފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ އަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާތިލު ނިންމުމެއް ކަމަށާއި މި ބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
އަދި ބުނެފައި ވަނީ ގާނޫނު އަށް ވަނަ މާއްދާގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިވެފައިވާކަން އެނގޭ ކަމަށާއި އޭގެން އެއްވެސް ބާރަކުން ގާނޫނީ އިމުގެ ބޭރުން އެއްބާރުން އަނެއްބާރެއްގެ މައްޗަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ ސޮރީހަ ނައްސުން އެނގޭ ކަމަށެވެ. އަދި މުއައްސަސާތަކާއި ފަރުދުންގެ މެދުގައި އުފެދޭ ދެ ބަސްވުންތައް ހައްލުކުރާ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީންގައި ބަޔާންވެފައި އޮންނަ އިރު އެ ކޯޓުން ނިންމުމަކީ އެންމެ ފަހުގެ ބަސްކަމަށް ވެސް އަމުރުގައިވެ އެވެ.