28 Nov 2012, 19:44
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން ކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވޯޓު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ކަމަށް އެ ބޭފުޅުން މިއަދު އިއުލާންކުރައްވައިފި އެވެ.
އެމްޑީޕީގެ 26 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ އެޖެންޑާކުރަން ފޮނުވައިފަ އެވެ. މިއީ އެ މައްސަލަ މަޖިލީހަށް ވެއްދި ފަހުން ސަރުކާރު ކޮލިޝަންގައި ހިމެނޭ މަޖިލީހުގެ މެންބަރުންތަކެއް ރައީސް ވަހީދާ ދެކޮޅަށް ވޯޓު ދޭނެކަން ފާޅުގައި އިއުލާން ކުރި ފުރަތަމަ ފަހަރެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އާ އެކު ޖާބިރާއި އަލްހާން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލްހާން ވިދާޅުވީ ރައީސް ވަހީދުގެ އަމަލުފުޅުތައް މިހާރު ބައްހަޓަވާ ގޮތުން ވަހީދަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރެއްވޭ ކަމަށާއި މަޖިލީހުގެ މެންބަރުންނަކީ ތްރެޓެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
"މަޖިލިސް މެންބަރުން ގޮނޑި ކޮށްކޮއަކަށް ހައްދަވަން އުޅުއްވައިގެން އެކަމެއް ނުވި އެހެން ވީމާ މެންބަރުންނަށް ބިރުދައްކަވަނީ. ރައްޖޭގައި ތިއްބަވާ ގަދަރުވެރިން ހައްޔަރު ކުރީމަ ތިމަންނައަކަށް ނޭނގެއޭ ބުނީމާ މީ ވަރަށް ޒިންމާދާރު ކަން ކުޑަކަމެއް. އެހެންވީމާ އަޅުގަނޑުގެ އިތުބާރެއް ނެތް ރައީސް ވަހީދަކަށް ނެތް. މާދަމާ ވޯޓް ނެގުނަސް އަޅުގަނޑު ވޯޓް ދޭނީ ރައީސް ވަހީދުގެ އިތުބާރު ނެތްކަމަށް،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދު ބޭރުގެ މީޑިޔާތަކުގައި މަޖިލީހުގެ މެންބަރުންގެ އަގު ވެއްޓޭގޮތަށް މެންބަރުންނާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގަނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ 14 މެންބަރެއްގެ މައްސަލަ ތަހުގީގު މަރުހަލާ އާއި ޝަރިއަތުގެ މަރުހަލާގައި މިހާރު ވެސް އެބަ އޮތް ކަމަށާއި އެކަންތައްތަކަކީ ސަރުކާރުން ސީދާ ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ. މެންބަރުންގެ ފޯނުކޯލުތައް ވެސް ސަރުކާރުން އަޑުއަހަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"މިވަގުތު ސަރުކާރުން ރައީސް ވަހީދު އަޑީގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރު ދެއްކެވުމަށް ތަފާތު އެކި ގޮތްގޮތަށް އެބަ މަސައްކަތް ކުރައްވާ. ސީދާ ޕަބްލިކް ސުޕީޗްތަކުގައި ބިރުދައްކާ ގޮތަށް ވާހަކަ ދައްކަވާފައި އެބަހުރި،" އަލްހާން ވިދާޅުވި އެވެ.
މީގެ ކުރިން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ވެސް އަލްހާން ވަނީ ރައީސް ވަހީދުގެ އިސްތިއުފާއާ ގޮވާލައި އެ މަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އަލްހާންގެ ވާހަކަތައް ތަކުރާރު ކުރައްވައި ޖާބިރު ވިދާޅުވީ ރައީސް ވަހީދަކީ މިހާރު ވެސް ވެރިކަމުން ދުރުކުރަންވެފައި ހުރި ބޭފުޅެއް ކަމަށާއި ރައީސް ވަހީދުގެ މައްޗަށް ކުރެވޭނެ އިތުބާރެއް މިހާރު ނެތް ކަމަށެވެ.
"އެއްގޮތަކަށް ވެސް ރައީސް ވަހީދު އެމަގާމުގައި ބަހައްޓަން ހެޔޮނުވާނެ. އެއީ އިންތިހާބަކުން އައިސް ހުރިމީހެއް ނޫން. އޭނާގެ މައްޗަށް އިތުބާރެއް ނެތް. އަޅުގަނޑު ޔަގީނުން ވެސް ވޯޓު ދޭނީ އިތުބާރު ނެތްކަމަށް،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާ ވެސް އެ މައްސަލައިގައި ސޮއިކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުމަށް ކުރާ ކަންތައްތައް ހުއްޓުވަން މަޖިލީހުގެ ފެންވަރުގައި ކުރެވެން އޮތްކަމެއް ކުރައްވާނެ ކަމަށެވެ.
އަލްހާން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަން ސަރުކާރުން ކަންތައްތަކެއް ކުރާއިރު އެއްވެސް މެންބަރަކު ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި މަޖިލީހުގެ ހިމާޔަތުގައި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ނުކުންނާނެ ކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ އެއްވެސް މެންބަރަކު ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގާ ގުޅޭ ސުވާލުތަކާއި އެހެނިހެން ވެސް ސުވާލުތައް ކުރުމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު 241 ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
ސަރުކާރު ހިންގާ ޑރ. ވަހީދާ އެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކު ވަހީދަށް އިތުބާރު ނެތް ކަމަށް، އަދި އިތުބާރު ނެތް ކަމުގެ ވޯޓުގައި ސީދާ ވޯޓު ދެއްވާނީ ވަހީދާ ދެކޮލަށް ކަމަށް ވިދާޅުވި އިރު، ޖުމްހޫރީ ޕާޓީ އިން ސަރުކާރު ކޯލިޝަންގައި ގެންގުޅޭ ސްޓޭންޑަށް ބަދަލު އައީތޯ ދެންނެވުމުން ޖުމްހޫރީ ޕާޓީގެ ސްޕޯސްޕާސަން މޫސާ ރަމީޒު މިއަދު ވިދާޅުވީ އެ މައްސަލާގައި އެ ޕާޓީން އަދި އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ. އަދި ވިދާޅުވީ މެންބަރަކު ބޭނުން ހިޔާލެއްް އެ މެންބަރަކަށް ފާޅުކުރެއްވޭނެ ކަމަށެވެ.