28 Nov 2012, 18:49
މުވައްޒަފުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތު އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އަޅާނެކަމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ހިންގާ އިންޑިއާގެ ޖީއެމްއާރުން ބުނެފި އެވެ.
ޖީއެމްއާރުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓްގެ އެގްރިމެންޓް އުވާލައި އެއާޕޯޓް ހިންގުން ޖީއެމްއާރްއަތުން ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ އެއްފަރާތަށް ޖެހިފައިވާ އެއްވެސް ހަމައެއް އުސޫލެއް ނެތް ނިންމުމެއް ކަމަށެވެ. އަދި އެއީ ގާނުނީ އެއްވެސް ބުރަދަނެއްނެތް ނިންމުމެއް ކަމަށާއި އެމައްސަލައިގައި ކަމާބެހޭ ފަރާތްތަކާއި ސާބިތުކަމައެކު ކުރިމަތިލާނެ ކަމަށެވެ.
"އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތާއި ހިދުމަތްތަކަށް އެއްވެސް ހުއްޓުމެއްނައިސް ކުރިޔަށް ދާނެކަމުގެ ޔަގީންކަން އަރުވަމުން، ދުނިޔޭގެ އެހެންގައުމުތަކާއި ދިވެހި ރާއްޖެއާއި ގުޅުވައިދޭ މައި ދޮރޯށީގެ ހިދުމަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެވަހަކަވެސް ދަންނަވަމެވެ." ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
އެބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ކުރި އަމަލަކީ މިވަގުތު ސިންގަޕޫރުގައި އެކަމަށް ކަނޑައެޅިފައިވާ ކޯޓުގައި ހިނގަމުންދާ އާބިޓްރޭޝަން މައްސަލައަށްވެސް ނުބަލައި ހިންގާފައިވާ އަމަލެއް ކަމަށެވެ.
ޖީއެމްއާރުން އެމޭރުމުން ވާހަކަ ދައްކާފައިވާއިރު އިއްޔެ ސަރުކާރުން ޖީއެމްއާރަށް އަންގަފައިވަނީ އެގްރިމަންޓް ބާތިލްކުރަން ނިންމާފައިވާ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި އެއާޕޯޓުން ފައިބަންޖެހޭނެ ކަމަށެވެ. އަދި ތަކެތި ގެންދަން 30 ދުވަސް ދީފައިވާ ކަމަށެވެ. ނަމަވެސް ޖީއެމްއާރުން ބުނެފައިވަނީ އެ އެންގުމަށް އެ ކުންފުނިން ތަބާ ނުވާނެ ކަމަށެވެ.