އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް އިންޑިއާގެ ޖީއެމްއާރު ހިމެނޭ ކޮންސޯޓިއަމްއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓް (އެމްއޭސީއެލް) އާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެމްއޭސީއެލް އިން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު އަޅުގަނޑުމެން މިތިބީ،" ރައީސް ވަހީދު ވިދާޅުވި ކަމަށް ޕީޓީއައި އިން ބުންޏެވެ.

ޖީއެމްއާރު މައްސަލައިގާ އިންޑިއާ އިން ރިއެކްޓް ކުރިގޮތާ ބެހޭ ގޮތުން ސުވާލުދެންނެވުމުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލުމާ މެދު އިންޑިއާ އިން ފާޑުކިޔާފައި ނުވާ ކަމަށެވެ.

"މިއީ ވަކި އެންމެ ކަމެއް. މިމައްސަލައިގާ ރާއްޖޭގެ ވިސްނުން ހުރި ގޮތް އިންޑިއާ އަށް ރަނގަޅަށް އިނގޭނެ،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ ޝައްކުކުރެވޭ ފަދަ ހާލަތެއްގައި ސޮއިކޮށްފައިވާ ޖީއެމްއާރު އެއްބަސްވުން އުވާލުމަކީ ފޮރިން އިންވެސްޓަރުންނަށް ޓަކައި ވިޔަފާރީގެ ސާފު މާހައުލެއް ގާއިމްކުރުމަށް ދިވެހި ސަރުކާރު ތައްޔާރަށް އޮތްކަން ޔަގީންކޮށްދޭ ކަމެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމާ މެދު އާ ވިސްނުމަކަށް ދާން ޖެހިދާނެތޯ ސުވާލުކުރުމުން ރައީސް ވިދާޅުވެފައި ވަނީ "އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެއްވެސް ޝަރުތެއް ނެތި އެގޮތުގައި ރާއްޖެ ދެމިއޮންނާނެ" ކަމަށެވެ.

"އިންޑިއާގެ އިތުރު އިންވެސްޓަރުން ރާއްޖެ އައިސް ރާއްޖޭގެ އިގުތިސާދަށް ފައިދާ ހުރި އަދި ހަރަކާތްތެރި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތެއްވޭތޯ މިސަރުކާރުން މަސައްކަތްކުރާނެ" ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.