ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް ކަމަށް އެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި މުހައްމަދު ހަނީފް ހޮވައިފި އެވެ.

މާއެނބޫދޫ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުން ދާދިފަހުން އިސްތިއުފާދެއްވި އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައި ފަސް ކައުންސިލަރުން ބައިވެރިވެ އިންތިހާބުން މުހައްމަދު ހަނީފް ރައީސް ކަމަށް ހޮވާފައި ވަނީ ދެ ވޯޓް ލިބިގެން ކަމަށެވެ. އަދި ނައިބް ރައީސް ކަމަށް އަބުދުލްރަޝީދު ހުސެއިން ހޮވާފައި ވަނީ ތިން ވޯޓް ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ކައުންސިލްގެ ނައިބް ރައީސް ކަމަށާއި ރައީސް ކަމަށް ފަސް ބޭފުޅުން ވެސް ކުރިމަތިލާން. އެންމެ ގިނައިން ވޯޓް ލިބޭ ދެ ފަރާތް ހޮވޭ ގޮތަށް،" އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު ހަނީފް އަލުން ރައީސްކަމަށް ހޮވާފައިވާ އިރު އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އިސްތިއުފާދެއްވާފަ އެވެ. އަދި އެންމެ ފަހުން އެ މަގާމަށް މީހަކު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ކަމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލާ އިރު ނައިބް ރައީސް ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ހަނީފަކީ އެމްޑީޕީ ޓިކެޓްގައި އެ ރަށު ކައުންސިލަށް އިންތިޚާބުވި ބޭފުޅެކެވެ. އޭނާގެ އިތުރުން ދެން އެ ކައުންސިލްގައި ތިއްބަ ވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުންނެވެ.