ޖީއެމްއާރުގެ އެގްރިމަންޓް ބާތިލް ކުރުމަށް ސަރުކާރުން ނޯޓިސް ދިނުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ސިރިޕަތީ ރާއްޖެ ވަޑައިގެން އެއާޕޯޓްގެ މުވައްޒަފުންނާ މިއަދު ބައްދަލުކޮށްފި އެވެ.

އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ އެއާޕޯޓްގެ މުވައްޒަފުން ސަރުކާރުގެ ނޯޓިސްއާ ގުޅިގެން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން މިއަދު 2 ޖެހި އިރު، އެއާޕޯޓް 600 ވަރަކަށް ސްޓާފުންނާ ބައްދަލުކޮށް އެކަމާ މެދު މާޔޫސްނުވެ ހިދުމަތައިގެން ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް ހިތްވަރު ދީފައިވާ ކަމަށެވެ.

"ސިރިޕަތީއާ (ޖީއެމްއާރުގެ އެމްޑީ) އާ އެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން މުވައްޒަފުންނަށް ޔަގީންކަން ދިނީ އެކަމުގައި މާޔޫސްނުވުމަށް. އެކަމައިގެން ކުރިއަށް ދާން. ހިދުމަތް ދިނުމުގައި އެކަމުން ތަފާތުތަކެއް ނުގެން ގުޅުމަށް. އަދި އެ މައްސަލައިގައި ކުންފުނިން ޑީލްކޮށްގެން އެކަމުގައި ގޮތްތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދިނިން،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުން ވެސް އެނގިގެން ދިޔައީ މުވައްޒަފުން ތިބީ ޖީއެމްއާރާ އެކު މަސައްކަތް ކުރުމުގެ އުފަލުގައި ކަމަށާއި އެ ނޯޓިސްގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުން މަހުރޫމްވެ އެ މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލުއުފެދިފައި ތިބިކަން ސާފުވި ކަމަށެވެ.

"އަޅުގަނޑުމެން ނުލާހިކު ރަނގަޅު ސެލަރީތަކާއި އިނާޔަތްތަކާއި އެއްޗިއްސާ އެއްޗިހި ދެމުންގެންދާއިރު ދެން އެކަންތައްތަކުން އެ މީހުން މަހުރޫމްވާކަށް ބޭނުމެއް ނުވޭ. ހުރިހާ މުވައްޒަފުން ވެސް މި ކުންފުންޏާ އެކު މަސައްކަތް ކުރަން ބޭނުން. އެއީ އެ މީހުންނަށް ލިބޭ އުފަލެއް،" އެންޑްރޫ ވިދާޅުވި އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ކޮންޓްރެކްޓް ބާތިލްކޮށް ފޮނުވި ނޯޓިސް އަށް ޖީއެމްއާރުން އެމްއޭސީއެލް އަށް މިއަދު ޖަވާބު ފޮނުވާފައިވާ ކަމަށާއި އެ ނޯޓިސްއަކީ އެ ކުންފުނިން ބަލައިގަންނަ ނޯޓިސްއެއް ނޫން ކަމަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެއާޕޯޓުން އެމްއޭސީއެލްއާ ހަވާލުކުރަން ޖީއެމްއާރަށް ދިނީ ހަތް ދުވަހުގެ މުހުލަތެކެވެ. އަދި ތަކެތި ގެންދަން 30 ދުވަސް ދީފައިވެ އެވެ. ނަމަވެސް ރޭވެސް އެ ކުންފުނިން ބުނެފައި ވަނީ އެ ނޯޓިސްއާ އެއްގޮތަށް އަމަލުނުކުރާނެ ކަމަށާއި އެއީ އެގްރިމަންޓާއި ހިލާފަށް ފޮނުވާފައިވާ ނޯޓިސްއެއް ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އެ އެގްރިމަންޓް ބާތިލް ކުރަން ޖެހުނީ އެއީ "އުފެދުނު ދުވަހުން ފެށިގެން ވެސް ބާތިލްވެފައިވާ" އެގްރިމަންޓެއްކަން ސިންގަޕޫރާއި އިނގިރޭސިވިލާތުގެ ލޯޔަރުން ވެސް ލަފާދީފައިވާތީ ކަމަށެވެ.