ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި އޮންނަ އުސޫލުގެ މަތިން ރަޖިސްޓްރީކުރުމުގެ މިއަދު ހުއްދަ ދީފި އެވެ.

އެ ކޯޓުގައި އަމަލުކުރާ އުސޫލުގެ ދަށުން މައްސަލައެއް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދީފި ނަމަ އެ މައްސަލަ ބަލައިގަތީ ކަމުގައި ބެލެވޭނެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ، އެލްޕާސޯ، މުހަންމަދު ހަލީމް އަލީ އެވެ.

އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު ހަލީމް މިއަދު ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ނިންމައި އެ މައްސަލަ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ. އެހެންކަމުން ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާބިތު ދަރަންޏެއް އޮވެ އެ ދަރަނީގެ ހުކާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއް ވަނަ ނަންބަރާއި އެއްގޮތްވާ ގޮތުގެ މަތިން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން އަޅުގަނޑުމެން ހުށަހެޅި މައްސަލަ މިހާރު ސުޕްރީމް ކޯޓުން ވަނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދެއްވާފައި. އެހެންވީމާ ތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި މައްސަލަ ރަޖިސްޓްރީ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނަން،" ހަލީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ރަޖިސްޓްރީ ކުރުމަށް ގާނޫނީ ވަކީލު މުހައްމަދު ހަލީމަށް އެ ކޯޓުން މިއަދު ހުއްދަދީފައިވާ ކަމަށެވެ.

ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މި މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގިއިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފަ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަނި އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.