28 Nov 2012, 15:57
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކެބިނެޓުން ނިންމަވާފައިވާ ގޮތަށް، ޔޫއެން ފައުޖުތަކާއި ދިވެހި ސިފައިން ގުޅުމުގެ ކުރިން ހާއްސަ ތަމްރީނުތަކެއް ހަދައިފި އެވެ.
އ.ދގެ ޕީސް ސަޕޯޓް އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ އދ.ގެ ފައުޖުގައި ދިވެހި ސިފައިންގެ އަދި ބައިވެރި ނުވާ ކަމަށާއި ނަމަވެސް ސުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިވުމަށް "ހަތަރު، ފަސް އޮފިސަރުން" ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ އިތުރުން ވެސް އިތުރު ދިވެހި ސިފައިން ވެސް ތަމްރީހު ހޯދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އދ. އިން އޭޝިޔާގެ ގައުމުތަކުގައި ސިފައިން ތަމްރީނު ކުރުމަށް ހަދާފައިވާ މަރުކަޒުތަކުން އެ ސިފައިންނަށް އަބަދު ވެސް ތަމްރީނު ދެމުން ގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޔޫއެން އިން ކަނޑައަޅާ އެއްވެސް ދިމާލެއްގައި ހަރަކާތްތެރިވާ ނަމަ އެ ކަމަށް ކަނޑައެޅޭ ވަކި ޓްރޭނިންތަކެއް އެބަހުރޭ. އެހެންވީމާ މިކަމަށް ޓަކައި ޔޫއެން އިން އެބަހުރޭ މަރުކަޒުތަކެއް ގާއިމްކޮށްފައި. އެހެންވީމާ މިދެންނެވި މަރުކަޒުތަކުން އެބަތިބި ހަތަރު ފަސް އޮފިސަރުން ތަމްރީނުކޮށްފައި. އެހެން ނަމަވެސް ކޮން ދުވަހަކުތޯ ބައިވެރި ކުރާނީ ނިންމާފައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އދ.ގެ ސުލްހަ ބަލައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށްޓަކައި ސޮއި ކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފެން ވަނީ ސަރުކާރަށް ހުއްދަ ދީފަ އެވެ. އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމައި އޮކްޓޫބަރު 10، 2011ގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް 56 މެންބަރުން ވޯޓް ދީގެން ވަނީ ޔޫއެން ފައުޖުގައި ސިފައިން ބައިވެރި ކުރުމަށް ހުއްދަ ދީފަ އެވެ.
އދ. ފައުޖުގައި ބައިވެރިވުމަށް ކުރީގެ ސަރުކާރުގެ ކެބިނެޓުން ނިންމި ނިންމުމުގައި ބުނަނީ ގުޅި ލާމެހިފައިވާ ދުނިޔޭގައި، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ސަލާމަތީ މަސްރަހަށް ލޯހުޅުވި، އަދި ބައިނަލްއަގުވާމީ ސަލާމަތީ ވިއުގައިގެ ތެރެއަށް ވަދެ، އެ ވިއުގައިގެ ތެރޭގައި ރާއްޖެ ލާމެހިގެން ދާނެ ކަމެއްކަ އެވެ. އަދި އެކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހައިބަތު ބޮޑުވެ، ބައިނަލްއަގުވާމީ ގޮތުން އިތުރު ކުރިއެރުމާއި، ފައިދާ ރާއްޖެ އަށް ލިބިގެންދާނެ ކަމަށެވެ.