ތިރީސް ނުވަ ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުން އާކު އާއި ކުލަބް އީގަލްސް ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް އެއް ޓީމު އަނެއްޓިމާ ވާދަކޮށް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށް ހަމަ ޖެހިފައިވާ 39 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުތަމަބުރުގެ ކުޅުން ނިމު އިރު 52 ޕޮއިންޓާ އެކު އެއް ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދިޔައީ އާކު އެވެ. އަދި 47 ޕޮއިންޓާ އެކު ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ގައުމީ މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހޯދީ ކްލަބް އީގަލްސްއެވެ. ފަންސަވީސް ޕޮއިންޓާ އެކު އެސްޓީއޯއަށް ލިބުނީ ތިންވަނަ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގައި ރޭ ޕޮލިސް ކުލަބާއި ވާދަކޮށް 18 ޕޮއިންޓު ހަތް ޕޮއިންޓުން މި ޓައި ކާމިޔާބުކުރީ ކުލަބް އީގަލްސް އެވެ. މި ޓައިގެ ފުރަތަމަ ޑަބަލްސްގައި އީގަލްސްގެ ޝަރުމީލު އާއި ރިޔާޒު އަދި ޕޮލިސް ކުލަބުގެ ޝާރިމް އާއި ޝަބީމް ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. ފުރަތަމަ ސިންގަލްސްގައި އީގަލްސްގެ މުޙައްމަދު އަޖުފާން ރަޝީދު އާއި ޕޮލިސްކުލަބުގެ ސާރިމް ކުޅުނު މެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ އަޖުފާނު އެވެ. ދެވަނަ ޑަބަލްސްގައި އީގަލްސްގެ އަޖުފާން އާއި އާސިފު އާދަމް އަދި ޕޮލިސް ކުލަބުގެ އާސިރު އާއި ވަސީމް ބައްދަލުކުރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކުރީ އީގަލްސް އެވެ. ދެވަނަ ސިންގަލްސްގައި އީގަލްސްގެ އަޙްމަދު ރިޔާޒު އާއި ޕޮލިސް ކުލަބުގެ ވަސީމް ބައްދަލުކުރި މެޗް ދެސެޓުން ކާމިޔާބުކުރީ ރިޔާޒު އެވެ. އަދި މިޓައިގެ ތިންވަނަ ޑަބަލްސް އީގަލްސްގެ ތޯމަސް އާއި ޢަލީ އަބްދުﷲ އަދި ޕޮލިސް ކުލަބުގެ ހުޝާމް އާއި މައުޖޫދު ބައްދަލުކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ އީގަލްސްގެ ޓީމެވެ.

ގައުމީ މުބާރާތުގައި ރޭ ކުޅެވުނު ދެވަނަ ޓައިގަ އެސްޓީއޯ އާއި އާކު ބައްދަލުކޮށް 18 ޕޮއިންޓް ހަ ޕޮއިންޓުން މި ޓައި ކާމިޔާބުކުރީ އާކު އެވެ. ފުރަތަމަ ޑަބަލްގައި އެސްޓީއޯގެ ރިފާއު އާއި އަދީމް އާ ވާދަކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކުރީ އާކުގެ ޙަސަން ރިޔާޒާއި ޒަޔާންޒަކީ އެވެ. އަދި ފުރަތަމަ ސިންގަލްސްގައި އާކުގެ މަދީހު ޖަވާލު އާއި ވާދަކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކުރީ އެސްޓީއޯގެ ސްޓެފާން އެވެ. ދެވަނަ ޑަބަލްސްގައި އެސްޓީއޯގެ ނޫރު އަދި އިރުފާނާ ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބުކުރީ އާކުގެ އިބްރާހިމް ޝާމިއު އާއި ހުސެއިން ރިޔާޒެވެ. ދެވަނަ ސިންގަލްސް ގައި އެސްޓީއޯގެ ނާއިލު އާއި ވާދަކޮށް ފަސޭހަކަމާއެކު ދެސެޓް ހޯދައިގެ މެޗް ކާމިޔާބުކުރީ އާކުގެ އިބްރާހީމް ޝާމިއު އެވެ. މި ޓައިގެ ތިންވަނަ ޑަބަލްސް ލިބުނީ އާކުގެ އަހްމަދު ޝަރީފް އާއި މަދީހު ޖަވާލް އަށެވެ.

ގައުމީ މުބާރާތުގެ ފައިނަލް މެޗާއި އަތޮޅު ލީގު މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ކުޅޭނީ މާދަމާރޭ އަށެއްޖަހާ އިރު މާލޭ ކުޅިވަރުއެކުވެނީގަ އެވެ.