ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުވި ދިވެހި ފުލުހުންގެ ހިދުމަތާ ބެހޭ ބިލް މިއަދު ރައްޔިތުން މަޖލީހުން ބަލައިގެންފި އެވެ.

ފުލުހުންގެ މުވައްސާއާ ގުޅޭ ގިނަ ކަންތައްތައް ބަދަލު ކުރުމަށް ހުށަހަޅާފައިވާ އެ ބިލް މިއަދު މަޖިލހުން ބަލައިގެންފައި ވަނީ 24 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ބިލާ ދެކޮޅަށް 19 މެންބަރު ވޯޓު ދެއްވާފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެ ބިލަކީ ފުރިހަމަ ބިލެއް ކަމަށް ވިދާާޅުވެ އެ ބިލަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެ ބިލުގައި ކޮމެޓީ މަރުހަލާގައި އިސްލާހު ކުރަން ކަންތައްތަކެއް އެބަ ހުރި ކަމަށް ހުރިހާ މެންބަރުން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެ ބިލަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޮޕްގެ ގިނަ މެންބަރުން ވަނީ ތާއިދު ކުރައްވައިފަ އެވެ. އެ ޕާޓީގެ މައްޗަށްގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަން ޖެހެނީ މުޖުތަމައުއާ ގުޅިގެން ކަމަށާއި މުޖުތަމައުއާ ނުގުޅި ފުލުހުން މުވައްސަސާގެ ވާޖިބު އަދާނުކުރެވޭނެ ކަމަށެވެ.

ފުލުސް ކޮމިޝަނަރަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުން މަޖިލީހުން އައްޔަން ކުރުމުގެ ބަދަލުގައި އެ މަގާމަކީ ރައްޔިތުން އިންތިހާބު ކުރާ މަގާމަކަށް ވާން ޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން ވިދާޅުވީ ފުލުހުންގެ މުވައްސާއާ ބެހޭ ގޮތުން ހުށަހަޅުއްވާފައިވާ ބިލަކީ "ވަރަށް ފުރިހަމަ" ބިލެއް ކަމަށެވެ. އެހެން ނަމަވެސް ކޮމެޓީ މަރުހަލާގައި ބިލް ދިރާސާކޮށް އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަން އޭނާ ފާހަގަ ކުރައްވާފައިވާ އިރު ފުލުސް ކޮމިޝަނަރު ޒިންމާ ދާރުކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއްގެ ބަދަލުގައި އެކަން އޮންނަން ޖެހޭނީ މިނިސްޓްރީއެއްގެ ދަށުން ހިންގަން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށް ޔާމިން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަކީ ރައްޔިތުންގެ ވޯޓަކުން އައްޔަން ކުރާ މީހަކަށް ހެދުމާ މެދު
ޔަމީން ވަނީ ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އެ ބިލަށް ޑީއާރުޕީން ވެސް ވަނީ ތާއިދުކޮށް ވާހަކަ ދައްކައިފަ އެވެ. ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ބިލް އޮތް ގޮތުން ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފައިދާތަކެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ބިލް އިތުރަށް ދިރާސްކޮށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުރި ކަމަށެވެ.

އެ ބިލް މިއަދު މަޖިލީހުން ފޮނުވަން ފާސްކު ރުމުން ރިޔާސަތުން ބިލް ފޮނުވީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށެވެ.