28 Nov 2012, 15:35
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ 12.9 ބިލިއަން އެވެ. އެހެންކަމުން ހަތަރު ބިލިއަނެއްހާ ރުފިޔާގެ ޑެފިސިޓެއް އުޅޭނެ އެވެ. ބަޖެޓް ހުށަހެޅުމާ އެކު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ އެކުވެ އެކުލަވާލާ "ބަޖެޓް ދިރާސާ ކުރާ ކޮމެޓީ"ން ވަނީ ބަޖެޓްގެ ދިރާސާތައް އިއްޔެ ފަށައިފަ އެވެ.
ޖުމްލަ 17 މެންބަރުންގެ ބަޖެޓް ދިރާސާ ކޮމެޓީން އިއްޔެ ވަނީ ބަޖެޓްގައި ހުރި އުސޫލީ ގިނަ މައްސަލަތައް ފާހަގަކޮށްފަ އެވެ. އެގޮތުން މެންބަރުން އެންމެ ބޮޑު މައްސަލައަކީ ބަޖެޓް ބޮޑުވުމެވެ. ރިކަރަންޓް ހަރަދު މިދިޔަ އަހަރަށް ވުރެ ބޮޑުވެ ބަޖެޓް މާބޮޑުތަނުން ވެސް ބޮޑުވުމަކީ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި ބަޖެޓްގެ އެންމެ މުހިންމު ބައިކަމުގައިވާ ޕަބްލިކް ސެކްޓާ އިންވެސްމަންޓް (ޕީއެސްއައިޕީ) ބެހިފައިވާ ގޮތަކީ މެންބަރުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މާފަންނު ހުޅަނގުދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ އަލުން ދިރާސާކޮށް މުޅި ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ބަޖެޓެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓްގައި އަދަދުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއަށް ފައިނޭންސް ކުރާނެ ގޮތުގެ މާބޮޑު ތަފްސީލެއް ނެތް ކަމަށެވެ. އަދި ވީވަރަކުން ބަޖެޓް މިހާރަށް ވުރެ ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ބަޖެޓްގައި އެބަހުރި އަދަދުތަކެއް. ނަމަވެސް އެއީ ރިއަލިސްޓިކް ފިގާތަކެއްތޯ ބަލަން ޖެހޭ. މިއީ ހަމައެކަނި ބަޔަކު ހިތްހަމަޖައްސަން ހުށަހެޅޭ އެއްޗަކަށް ވެގެން ނުވާނެ. ބަޖެޓް ދޫކޮށްލެވޭ އިރު އޭގެ ހުރިހާ ތަފްސީލެއް ހޯދާ ދިރާސާ ކުރެވެން ޖެހޭނެ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ މިފަހަރުގެ ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓަކަށްވާ އިރު އާމްދަނީ އަށް ވުރެ އިތުރުވާ އަދަދަށް ފައިސާ ހޯދާނެ ގޮތާއި އޭގެ ސަބަބުން އިގްތިސޯދަށް އައިސްފާނެ ބަދަލުތަކުގެ މައްޗަށް ރިއާޔަތް ކުރަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ފޮރިން ފޮރިން ރިޒާވާއި އިގްތިސޯދުގެ އެހެނިހެން ކަންކަމަށް ކޮށްފާނެ އަސަރު ކޮމެޓީން ރަނގަޅަށް ދިރާސާކުރަން ޖެހޭ ކަމަށެވެ.
"އެ ފައިސާ ހޯދާ ގޮތާއި އެ ފައިސާ ހޯދާ ގޮތަކުން އިގްތިސޯދަށް ކޮސްފާނެ އެހެން އަސަރުތައް ވެސް އަޅުގަނޑުމެން ރަނގަޅަށް ބަލަން ޖެހޭނެ. އެކަން ކޮމެޓީން ސާފުކުރަން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
ދެން މެންބަރުން އެންމެ ބޮޑަށް ނެންގެވި މައްސަލައަކީ ބަޖެޓްގައި ހުރި ބައެއް ޕީއެސްއައިޕީ ޕްރޮގްރާމްތަކާއި އަދިވެސް އިތުރު އެހެނިހެން ހަރަދުތަކަށް ބަޖެޓުން ކުރާނެ ހަރަދުތަކުގެ ތަފްސީލް ނެތުމެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަރަދުތަކުގެ ތެރޭގައި ރައީސް އާއި އާއިލާއަށް ކުރާ ހަރަދުތައް ހިމަނާފައިވާތީ އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެއީ ރައީސް އޮފީހުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ސުވާލުއުފެދެނީ ކީއްވެތޯއޭ ރައީސް އޮފީހުގެ މެންޑޭޓްގެ ތެރޭގައި މިކަން އޮންނަންވީ. އަނެއްކާ މިއީ މިދިޔަ އަހަރަށް ވުރެ ބޮޑު އަދަދެއް މި އޮންނަނީ. މިކަން ސާފުކުރަން އަޅުގަނޑުމެން ބޭނުން،" އީވާ ވިދާޅުވި އެވެ.
ނޮޅިވަރަށް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވީ މި އަހަރަށް ކަޑައެޅި ބަޖެޓަކީ ތަންކޮޅެއް ބޮޑު ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އޭނާ ނިސްބަތްވާ އަތޮޅަށް ބޭނުންވާނެ މަޝްރޫއުތަކެއް ހިމަނާފައިވާތީ ބަޖެޓް އެކުލަވާލުމަށް އޭނާ އެއްބާރުލުން ދެއްވަން ހުންނެވި ކަމަށެވެ. ނަމަވެސް ޕީއެސްއައިޕީ ޕްރޮގްރާމްތަކުގައި އަތޮޅުތަކަށް ހަރަދުކުރާ ގޮތުގެ ތަފްސީލްތައް ކޮމެޓީ އަށް ހޯދަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބޭރުގެ އެކިތަންތަނަށް ކުރާ ދަތުރުތަކުގެ ހަރަދު ބޮޑުވާކަމަށް ފާހަގަ ކުރައްވާ މާފަންދު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ ފުލުހުންނަށާއި ސިފައިންނަށް މިއަހަރު ބަޖެޓުން ބޭރުންކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހޯދަން ޖެހޭނެ ކަމަށާއި އަދި ނުދައްކާ ހުރި ބިލްތަކާއި މި ހުރިހާ ކަމެއްގެ ތަފްސީލްތައް ވެސް ހޯދަން ޖެހޭ ކަމަށެވެ.
"މިހާރު ވެސް އެބަފެނޭ ބޮޑެތި ހަރަދުތައް ކުރެވޭތަން. ބޮޑެތި ވަފުދުތަކާ އެކު ގިނަ ހަރަދުތައް ކުރެވޭތަން އެބަފެނޭ. އެކަމަށް މަގުފަހިވާ ގޮތަށް ބަޖެޓް ފާސްކުރެވިގެން ނުވާނެ. މި ބަޖެޓްގައި އަޅުގަނޑުމެންނަށް އެބަފެނޭ އެގޮތަށް ކަންތައްތައް ހުރިތަން. އެހެންވީމާ އެކަން ހުއްޓުވަން ޖެހޭ. އެގޮތަށް މަގުފަހިވާ ގޮތަށް ބަޖެޓް ފާސްކުރެވިގެންނުވާނެ،" ބޮންޑާ ވިދާޅުވި އެވެ.
މެންބަރުންގެ ކަންބޮޑުވުންތަކާއި ސާފުކުރަން ޖެހޭ މައުލޫމާތު ބަޖެޓާ އެކު ހުރުމުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަންނަ އާދިއްތަ ދުވަހުގެ ކޮމެޓީއަށް ހާޒިރުކުރުމަށެވެ. އަދި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ބަޖެޓާ މެދު އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ ކޮމެންޓް ހޯއްދަވާނެ ކަމަށްވެސް މުގައްރިރު ވިދާޅުވި އެވެ.