22 Sep 2010, 06:02
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ލިބޭނެ، ފުރިހަމަ ރަސްމީ ނިޒާމެއް އދ.ގެ ގިއުގަނޑުގެ ތެރެއިން ހަމަޖެއްސުމަށް ނައިބު ރައީސް ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެގެން ދިއުމުން، އ.ދ.ގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެޅޭނެ ހުރަސްތަކުގެ މައްޗަށް ބައްލަވާލައްވައި އ.ދ.ގެ ސާސްކަފުގެ ތަރައްގީ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ބޭއްވެވި އ.ދ.ގެ ޢާންމު މަޖިލީހުގެ މަތީފެންވަރުގެ ޚާއްޞަ ބައްދަލުވުމުގައި ރޭ ތަގުރީރު ކުރައްވަމުންނެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި، އ.ދ. އިން އެކަށައަޅާފައިވާ ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ރާއްޖެ އިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމުގައި ވިދާޅުވި އެވެ. މި ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް އ.ދ.އިން ކަނޑައަޅާފައިވާ ސުންގަނޑި ކަމުގައިވާ 2015 ވަނަ އަހަރުގެ ކުރިން ރާއްޖެ އިން ވަނީ، ސާސްކަފްގެ ތަރައްޤީގެ 8 ލަނޑުދަނޑީގެ ތެރެއިން 5 ލަނޑުދަނޑި ޙާޞިލުކޮށް ދެކުނު އޭޝިޔާ ސަރައްޙަދުގެ އެމް.ޑީ.ޖީ.ޕްލަސް ޤައުމުގެ ގޮތުގައި ހިމެނިފަ އެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި، މި ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީއާ އެކު މި ލަނޑުދަނޑިތައް މުޅިން ޙާޞިލު ކުރުމަށް ރާއްޖެ އިން ދަތުރުކުރަމުންދާ މިސްރާބުގައި ދަތުރުކުރަމުން ދިއުމަށް ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ. މި ގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުމުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ އިތުރުން، މި ދަނޑިވަޅަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ދަނޑިވަޅުކަން ފާހަގަކުރައްވައި ކުރިމަތިވާ ސިޔާސީ ގޮންޖެހުންތަކުގެ ސަބަބުން، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ކުރެވޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ ތަގްރީރުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އޭރުގެ ސަރުކާރުގެ ހޭދަކުރުން އިތުރުކުރުމާއި ސުނާމީ ކާރިސާ އިން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުރެވުނު ޚަރަދުގެ ސަބަބުން ރާއްޖޭގެ މާލީ ޙާލަތު ދަށަށް ގޮސްފައިވާކަމުގައި ވިދާޅުވި އެވެ. ނަމަވެސް، އައިއެމްއެފްގެ އެހީގައި ސަރުކާރުން ފަށްޓަވާފައިވާ އިޤްތިޞާދީ އިޞްލާޙީ މަސައްކަތުގެ ސަބަބުން، ޤައުމީ ތަރައްޤީއާއި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް އިތުރު ބާރެއް ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި ރާއްޖެއިން މިހާރު ޙާޞިލު ކުރެވިފައިވާ 5 ލަނޑުދަނޑީގެ އިތުރުން، ޙާޞިލް ނުކުރެވި ހުރި ލަނޑުދަނޑިތަކުގެ ތެރެއިން، އަންހެނުންނާއި ފިރިހެންނުންގެ ހަމަހަމަކަން ކަށަވަރުކުރުމާއި ދެމެހެއްޓެނިވި ތިމާވެށްޓެށް ޔަޤީންކުރުމުގައި ރާއްޖެ އަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.