28 Nov 2012, 14:52
އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއެއް އުފައްދައި، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުތަކެއް އެ އެޖެންސީއާ ހަވާލުވެ ހުންނަވާ ފަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލަށް ލިބިދޭ ގޮތަށް އާންމު ސިއްހަތުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް މަޖިލީހުން ފާސްކުރީ އިޖުތިމާއީ ކޮމެޓީން އެ ބިލް ދެ އަހަރު ދުވަސްވަންދެން ދިރާސާ ކުރުމަށް ފަހު، ފޮނުވި ރިޕޯޓަށް މަޖިލީހުގެ ތަޅުމުން ހުށަހެޅި އިސްލާހުތަކަކާއެކުގަ އެވެ. އެގޮތުން އެ ބިލް ފާސް ކުރުމަށް ވޯޓް ދެއްވީ މިއަދުގެ ވޯޓްގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 40 މެންބަރުންނެވެ. އަދި ބިލް ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ. އެ ބިލް މަޖިލީހުން ފާސްވުމުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބިލް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރައްވައި ގެޒެޓްގައި ޝާއިރު ކުރެއްވުމުންނެވެ.
އެ ބިލުގައިވާގޮތުން ރާއްޖޭގެ އާންމު ސިއްހަތު ދެމެހެއްޓުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއެއް އުފައްދައި އެ އެޖެންސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އައްޔަން ކުރާ ފަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލަކު އެ އެޖެންސީއަށް އައްޔަން ކުރަންވާނެ އެވެ. އެ މަގާމަށް އައްޔަން ކުރާ މީހަކީ ފަބްލިކް ހެލްތުގެ ދާއިރާ އިން މާސްޓާޒް ޑިގްރީއެއް އޮތް މީހަކަށް ވާންޖެހޭނެ އެވެ.
ޑިރެކްޓަރު ޖެނަރަލް މަސައްކަތް ކުރަންޖެހޭނީ ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ. އަދި ޑިރެކްޓަރު ޖެނަރަލް ހަވާލުވެ ހުންނެވި އެޖެންސީން ސިއްހީ ނުރައްކާތަކާއި ގައިގައިގަޔަށް އަރާ ބަލިތަކާއި ގައުމުތަކުން ރާއްޖެ އަށް ތައާރަފްވާ ބަލިތައް ކޮންޓްރޯލް ކުރަން ޖެހޭނެ އެވެ.
ބިލުގައި އިތުރަށް ބުނަނީ ވަޒީރަށް ލިބިދޭ ހާއްސަ ބާރެއް ޑިރެކްޓަރު ޖެނަރަލަށް ހާވާލު ކުރުމުން އެ ބާރުގެ ދަށުން އަމުރުތަކެއް ނެރެވިދާނެ އެވެ. އެގޮތުން އާންމު ސިއްހަތަށް ނުރައްކާވާ ބައެއްޔެއް ޖެހިފައިވާ މީހަކު އެކަހެރިކޮށް ނުވަތަ ކަރަންޓީންކޮށް ތަހުލީލު ކުރުމަށް އެ މީހަކު ހައްޔަރު ކުރެވިދާނެ އެވެ. އަދި އެފަދަ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާ ނަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލް ނެރޭ އަމުރަށް ތަންފީޒު ކުރުމަށް ހުރަސް އެޅި މީހަކު 5000ރ. އިން ޖޫރިމަނާ ކުރެވިދާނެ ކަމަށް އެ ބިލުގައިވެ އެވެ.
ނުރައްކާތެރި ބައެއްޔެއް ޖެހިފައިވާ މީހަކު އެގްޒެމިން ކުރުމަށްޓަކައި ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ހޯދިދާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އެފަދަ ބައެއްޔެއް ޖެހިފައިވާ މީހަކު އެގްޒަމިން ކުރުމުގައި އޭނާގެ ނުރުހުމުގައި އެ މީހެއްގެ ހަށިގަނޑުގައި ޑޮކްޓަރަކު އަތްލުމުން ކުށްވެރިނުވާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އޭނާގެ ބަލި ރަނގަޅު ނުވާ ނަމަ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ.
ސިއްހީ ނުރައްކާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ހެލްތު މިނިސްޓަރަށް ލަފާދިނުމުގެ ބާރު ވެސް ސިއްހަތުގެ ބިލުގެ ދަށުން ލިބިދެނީ ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލަށެވެ. އަދި ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ ސްކޫލްތަކާއި މީހުން އެއްވެއުޅޭތަންތަނާއި އެއްވުންތައް ހުއްޓުވުމުގެ އަމުރެއް ޑިރެކްޓަރު ޖެނަރަލްއަށް ނެރެވިދާނެ އެވެ.
އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ޓަކައި ކޯޓް އަމުރާ ނުލައި ތަންތަން ބަލައި ފާސްކުރުމާއި ތަހުލީލު ކުރުމަށްޓައި ރޭގަނޑުގެ ވަގުތުތަކުގަ އާއި ދުވާލުގެ ވަގުތުގެ ކޮންމެ އިރެއްގައި ވެސް ގެތަކަށް ވަދެނޭވެ ކަމަށް ބިލުގައިވެ އެވެ. އަދި އެކަމުގައި ފުލުހުންގެ އެހީތެރިކަން ހޯދޭނެ ކަމަށް އާންމު ސިއްހަތުގެ ބިލުގައިވެ އެވެ.
އާންމު ސިއްހަތުގެ ބިލު ތަސްތީގު ކުރުމާ އެކު ގާނޫނުލް އުގޫބާތުގެ ހަތަރު މާއްދާއެއް ބާތިލްވާނެ އެވެ. އެއީ ގާނޫނުލް އުގޫބާތުގެ ޗެޕްޓަރު 4ގެ 101 އިން 104 އަށް ހުރި މާއްދާތަކެވެ.
އާންމު ސިއްހަތުގެ ބިލު މަޖިލީހަށް ހުށަހެޅީ ނޮވެންބަރު 9، 2009ގަ އެވެ. އަދި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އިޖުތިމާއީ ކޮމެޓީން ފައްޓާފައި ވަނީ ޖޫމް 29، 2010 ވަނަ އަހަރު އެވެ. އެ ބިލު ދިރާސާކޮށް ނިންމުމަށް ފަހު މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.