28 Nov 2012, 14:40
އައްޑޫ ސިޓީގެ ހަންކެނޑެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭންތައް ނިމި އަންނަ އަހަރުގެ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފައްޓާނެ ކަމަށް، އެ ރަށް އެވޯޑްކޮށްފައިވާ ސިންގަޕޫރުގެ ކްރެސެންޑާޒް ކުންފުނިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރެސެންޑާޒް ގްރޫޕުގެ ޗެއާމަން ލޯރެންސް ލެއޯ ވިދާޅުވީ ޕުްލޭންތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕްލޭނަކީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާލުން ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ 100 އޯ 120 އެނދުގެ ފެންވަރު ރަނގަޅު ހަތަރު ތަރީގެ ނުވަތަ ފަސްތަރީގެ ރިސޯޓެއް ތަރައްގީކުރުން. ތިނެއް ނުވަތަ ހަތަރު ރެސްޓޯރެންޓް ވެސް ހިމެނޭނެ،" ލޯރެންސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހަންކެނޑެއިގެ އިރުމަތީ ފަރާތުގައި އޮންނަ ލިންކް ރޯޑް އެ ރަށުގެ ހުޅަނގު ފަރާތަށް ބަދަލު ކުރުމުގެ ޕްލޭން ވެސް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރާއިރު އިންވެސްޓްމެންޓާ ދޭތެރޭ އިތުރުބާރުއެބައޮތް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އައްޑު އަށް ގިނަ ފްލައިޓްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށާއި އޭގެ ތެރޭގައި ބޮޑެތި އެއާލައިންތައް ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމަށް ގެއްލުންވާކަމެއް ލިބުނަ ނުދޭނެ ކަމަށާއި ސިޔާސީ ނުފޫޒުން ޓޫރިޒަމް ރައްކާތެރިކޮށް އިންވެސްޓަރުން ހިމާޔަތްކުރާނެ ކަމަށެވެ.
ހަންކެނޑޭގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.