ފުލުހުންގެ އިންޓެލިޖެންސާއި ކަސްޓަމްސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ފަޅާއަރުވާލި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ އިންޑިއާ މީހަކު ދިރިއުޅޭ ގެއިން މިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ޑޮލަރާއި ޔޯރާއާ އެކު ދެ މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުން ފެށިގެން ހިންގަން ފެށި އޮޕަރޭޝަނުގައި އިއްޔެ ވަނީ 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެތަކެތި ފެނިފައި ވަނީ އިންޑިއާގެ ޓުޓްކޮރިން އިން ރާއްޖެ އައި "ސިލްވާ ކްލައުޑް" ނަމަކަށް ކިޔާ އިންޑިއާގެ ލަކުޑި ބޯޓަކުންނެވެ.

"މިބޯޓަކީ ރާއްޖޭގެ ލޯކަލް އެޖެންޓެއްގެ ދަށުން އޮޕަރޭޓް ކުރާ ބޯޓެއް. މިބޯޓަކީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ރާއްޖެ އަށް ފިޔާ، އަލުވި ބިސް އަދި ތަފާތު ބާވަތްތަކުގެ ތަރުކާރީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރާ ބޯޓެއް،" މަސްތުވާތަކެތީ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ފަރީދު އިސްމާއިލް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަރީދު މިއަދު ވިދާޅުވީ އެ ބޯޓު މާލޭ ކޮމާޝަލް ބަނދަރަށް ކައިރި ކުރީއްސުރެ ފުލުހުން ދިޔައީ ކަސްޓަމްސްއާ ގުޅިގެން ބޯޓުގެ ހަރަކާތްތައް މޮނިޓާ ކުރަމުން ކަމަށެވެ. އަދި އިއްޔެ ފަތިހުގެ ވަގުތެއްގައި އެ ބޯޓުގައި މަސައްކަތް ކުރާ އިންޑިޔާގެ ފަސް މީހަކު އެ ތަކެތި ހިފައިގެން ގޮސް ބޮޑުތަކުރުފާނު މަގުގައި އެތަކެތި ބަލައި ގޮސްތިބި ހަ ދިވެއްސަކާ ހަވާލު ކުރަނިކޮށް، އެ އެންމެން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފަރީދު ވިދާޅުވީ ހައްޔަރު ކުރި ދިވެހިންގެ ތެރޭ ހިމެނެނީ އުމުރުން 28 އަހަރުގެ ތިން މީހުންނާއި 26 އަހަރުގެ މީހެއްގެ އިތުރުން 58 އަހަރުގެ މީހަކާއި 22 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި ހައްޔަރު ކުރި އިންޑިއާ މީހުންގެ ތެރޭ ހިމެނެނީ 26 އަހަރުގެ ދެ މީހުންގެ އިތުރުން 28 އަހަރުގެ މީހަކާއި 44 އަހަރާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

މަސްތުވާތަކެތީގެ އެ މައްސަލައާ ގުޅިގެން ފަރީދު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ގެތައް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން މ. ކުންނުމަލާ ކިޔާ ގެއެއްގެ ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 53 އަހަރުގެ އިންޑިޔާ މީހަކު ހައްޔަރުކޮށް އޭނާ އެގޭގައި ދިރިއުޅެމުން ދިޔަ ކޮޓަރި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފަރީދު ވިދާޅުވީ އިންޑިއާ މީހާ ދިރިއުޅެމުން ދިޔަ ކޮޓަރި ތެރޭގައި ހުރި ތިޖޫރީއެއްގެ ތެރެއިން 1،042377ރ. އާއި 11،318 ޑޮލަރާއި 39،725 ޔޫރޯ ފެނިފައިވާ ކަމަށެވެ. ފަރީދު ވިދާޅުވީ އެ ފައިސާގެ އިތުރުން 11 ގައުމެއްގެ ފައިސާ ވެސް ތިޖޫރީގެ ތެރެއިން ފެނިފައިވާ ކަމަށެވެ. ފަރީދު ވިދާޅުވީ އޭގެ ތެރޭ ހިމެނޭ ބައެއް ފައިސާއަކީ މަސްތުވާތަކެތި ގަތުމަށް ދިވެހިން ހަވާލުކޮށްފައިވާ ފައިސާ ކަމަށެވެ.

އެގޭގެ އިތުރުން މއ. ކޮކޮނަޓް ހައުސް ބަލއި ފާސްކުރި އިރު އެގޭގެ ތެރެއިން ވަނީ 1،34050ރ. އާއި 2،200 ޑޮލަރު ފެނިފަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފަރީދު ވިދާޅުވީ ފައިސާގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މަސްތުވާތަކެތީގެ އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ގ. މޫންލައިޓްވިއުގޭގެ ހަ ވަނަބައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ފިލްމް ހުސްކުރި ދަޅަކާއި އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ކަރުދާހާއި ރަބަރާއި ވިޔަފާރި ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް އައިސްފައިވާ އެ ބޯޓު މިހާރު އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ކަސްޓަމްސްގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައިވާ ކަމަށެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=t2qKUTx-3vY