ފުލުހުން ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލަތަކެއް ކޯޓަށް ފޮނުވުމަށް ޕްރޮސެކިއުޓާ ޖެނަރަލް މަސައްކަތްޕުޅު ކުރައްވާ ކަމަށް ބުނެ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީ ކުރުވުމަށް ޕީޖީ އަހުމަދު މުއިޒް ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

އަމިއްލަ ފަރާތަކުންނާއި މަޖިލީހުގެ ދެ މެންބަރަކު ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ބަހުސް ކުރުމަށް ފަހު މެންބަރުން އިއްޔެ ނިންމަވާފައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ޕީޖީ ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ.
ދައުވާ ކުރުމުގައި ތަފާތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އަމިއްލަ ފަރާތަކުން ޕީޖީގެ މައްޗަށް ބޮޑެތި ޝަކުވާތަކެއް ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ފުލުހުން މަރާލިކަމަށް ތުހުމަތު ކުރާ ސ. ހިތަދޫ ނާޒުކީގޭ، ހުސައިން ސަލާހުގެ މަރުގެ މައްސަލާގައި ޝަރީއަތް ހިންގުމަށް ކޯޓަށް ފޮނުވުމުގައި ވަކި ބަޔަކު އެ މައްސަލައިން އިސްތިސްނާކޮށްފައިވާ ކަމަށް ކޮމެޓީ އަށް އަންގާފައިވެ އެވެ.

ޕީޖީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ޝަކުވާތަކެއް ބަލައިދިނުމަށް މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އިތުރު މެންބަރަކު މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ނައިބު މުގައްރިރު އަހުމަދު ސަމީރު ވިދާޅުވި އެވެ.

ފްރޮސެކިއުޓް ކުރެއްވުމުގައި ތަފާތު ގެންގުޅޭ ކަމަށް ތުހުމަތު ކުރާ މައްސަލާގައި މުއިޒް ވިދާޅުވީ މަޖިލީހުގެ ކޮމެޓީއަކުން އެފަދަ ކަމެއް، ބަލާ ނަމަ އެކަމުގައި މީޑިއާއަށް ވަކިއެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. ނަމަވެސް ކޮމެޓީ އަށް އެކަމުގައި ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް މުއިޒް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އެނގިފައެއް ނެތް އަދި ކޮމެޓީ އަށް ހާޒިރު ކުރަން އުޅޭ ކަމެއް. އެބޭފުޅުން އެފަދަ ތުހުމަތު ކުރައްވަންޏާ އަޅުގަނޑު ޖަވާބު ދާރީވާނީ ކޮމެޓީގައި،" މުއިޒް ވިދާޅުވި އެވެ.

ކޯނީ ރިޕޯޓްގައި ބުނާ ބައެއް ކަންތައްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ ފަސްޖެހިވަޑައިގެންފައިވާ ކަމަށް ބުނެ، މަޖިލިސް މެންބަރުން ދަނީ އެ ވާހަކަ ދައްކަވަމުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން ސަރުކަރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ޕީޖީ ހާޒިރު ކުރުމަށް ހުށަހަޅާފައި ވެސްވެ އެވެ.