28 Nov 2012, 13:27
ބަނގުރާ ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަނގުރާ ގެންގުޅުމުގެ ކުށުގައި ޖޫރިމަނާކޮށްފައި ވަނީ ސ. މަރަދޫ ރިސާޔާމަންޒިލް އަހުމަދު ރިޝްވާނެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޖުލައި 30، 2010 ދުވަހުގެ ހެނދުނު 6:40 އެހާކަންހާ އިރު މާލޭގެ ގެސްޓްހައުސްއެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މއ. ރޯޒްއިން ގެސްޓް ހައުސް އަށް ގޮސް އޭނާ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރި އިރު ތިން ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ކޮޓަރީގެ އަލަމާރިއެއްގެ ތެރެއިން ފެނުނު "ޖޭކޮބްސް ކްރީކް" ބްރޭންޑްގެ ފުޅިއަކާއި "ވޮލްފް ބްރާސް" ބްރޭންޑްގެ ދެ ފުޅިއަކީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރު ކުރި ކަމަށެވެ.
އެ ފުޅިތަކުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުރާ އަށް ޕޮޒިޓިވްވެފައިވާ އިރު އެތަކެއްޗަކީ އޭނާގެ އެއްޗެއްކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
މިއީ ބަގުރާ ގެންގުޅުމުގެ ކުށް ރިޝްވާންގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައިވެ އެވެ.