އޭއެފްސީ ޗެލެންޖް ކަޕް 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ކޮލިފައިން އަށް ފަހު އަށް ގައުމު ކުޅޭ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ ދާދި ދެންމެއަކު މެލޭޝިޔާގައި ބޭއްވި އޭއެފްސީގެ ކޮމްޕެޓިޝަން ކޮމިޓީންނެވެ. ޗެމްޕިއަން ޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭ މުބާރާތް ބާއްވަން ރާއްޖެއާއެކު ދެން ވާދަ ކުރީ ޕިލިޕީންސެވެ. މި މުބާރާތް ރާއްޖޭގައި ބާއްވަން ނިންމުމުން އަންނަ އަހަރު ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅެން ނުޖެހޭނެ އެވެ. މި މުބާރާތް ކުޅެން އެފްއޭއެމުން ހުށަހަޅާފައިވަނީ ގަލޮޅު ރަސްމީ ދަނޑާއީ އައްޑު އަތޮޅު ހިތަދޫ ޒޯން ސްޓޭޑިއަމެވެ.

މިއީ ޗެލެންޖް ކަޕް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަކީ 2008 ވަނަ އަހަރު ލަންކާއާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. ޗެލެންޖް ކަޕް ކޮލިފައިން ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވީ 2009ގަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެވެ.