ރާއްޖޭން އެކްސްޕޯޓްކުރާ މަހަށް މެރިޓައިމް ސްޓީވާޑްޝިޕް ކައުންސިލް ސެޓްފިކެޓް (އެމްއެސްސީ) ސެޓްފިކެޓް ލިބިއްޖެ އެވެ.

އެމްއެސްސީ ސެޓްފިކެޓް ލިބުނު، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ނަމުގައި ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގައި އެމްއެސްސީގެ އިކޯލޭބަލް ޖެހޭނެ އެވެ. އެލޭބަލް ޖެހުމުން އެ އުފެއްދުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަމެއްގެ އުފެއްދުމެއްކަން، މަސްގަންނަ ފަރާތްތަކަށް އެނގޭނެ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ މަސްވެރިކަމަށް ކުރާ އަސަރު އެންމެ ކުޑަ، ތިމާވެއްޓާ އެންމެ ރަހުމަތްތެރި އުސޫލެވެ. އެމްއެސްސީގެ އެސެސްމެންޓްގެ ތެރެއަށް 2009 ވަނަ އަހަރު ރާއްޖެ ވަނުމަށް ފަހު ރާއްޖޭން ދިޔައީ މަހުގެ ސްޓޮކް ހިމާޔަތް ކުރުމަށާއި އެކަމަށް އުސޫލުތަކެއް ކަނޑައެޅުމަށް ވަކާލާތުކުރަމުންނެވެ.

ކަނޑުމަހުގެ ރިޒާވް ހިމާޔަތްކުރުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ ސައިންޓިފިކް ވޯކިން ގްރޫޕާ އެކު ރާއްޖޭން އައީ މަސައްކަތްކުރަމުންނެވެ. އަދި 2011 ވަނަ އަހަރު ރާއްޖެ ވަނީ އެކޮމިޝަނުގެ ފުރިހަމަ މެމްބަރަކަށްވެފަ އެވެ.

ރާއްޖޭގެ ދަޅުމަސް އާއްމުކޮށް އެކްސްޕޯޓްކުރާ ޔޫރަޕްގެ މާކެޓްތަކުގައި އެމްއެސްސީގެ އިކޯލޭބަލް ޖަހާފައިވާ އުފެއްދުންތަކަށް ޑިމާންޑް ބޮޑުވެފައިވާ އިރު ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް މިކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެ އެވެ. (ފިޝްނިއުސްއީޔޫ)