28 Nov 2012, 13:18
ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް މެންބަރަކު ހައްޔަރު ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނާތީ އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މަޖިލީހާއި އެކު މަޝްވަރާ ކުރަން ނިންމާފައިވާކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް މެންބަރުން ހައްޔަރު ނުކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި އޮންނާތީ އެ މާއްދާ ބާތިލް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހޯމް މިނިސްޓްރީގެ އެދުމަކަށް ކަމަށެވެ. އަދި އެ ގަވާއިދު އެގޮތަށް އޮންނާތީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ކަމަށް ހޯމް މިނިސްޓްރީން ދެކޭ ކަމަށް ވެސް މިއަދުގެ އަޑުއެހުމުގައި އުޝާމް ވިދަޅުވި އެވެ.
އުޝާމް ވިދާޅުވީ އެ މައްސަލައިގައި ހޯމް މިނިސްޓްރީގެ ފަރާތުން މަޖިލީހާއި އެކު މަޝްވަރާ ކުރަން ނިންމާފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދި އެ މިނިސްޓްރީން ބަންޑާރަ ނާއިބްގެ އޮފީހުގައި ސިޓީއަކުން ދަންނަވާފައިވާކަމަށެވެ.
ދައުލަތުގެ ފަރާތުން އެގޮތަށް އެދިފައިވާތީ މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމަށް ދައުލަތަށް ފުރުސަތު ދެއްވާފައި ނުވެއެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނެވެ.
ދައުލަތުން ހުށަހެޅި އެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އަކީ ކުށުގެ ވެށިން މެންބަރުން ހައްޔަރުކުރެވޭ އިރު އަމަލުކުރަން ނުޖެހޭ މާއްދާއެއް ކަމަށާއި އަދި އެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަކީ، ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ އިރު އަދި ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ)ގެ ދަށުން ބަންދާ މެދު ފަނޑިޔާރަކު ގޮތެއް ނިންމެވުމުގައި އަމަލުކުރައްވަން ޖެހޭ މާއްދާއެއް ނޫން ކަމަށް ކަޑައަޅައިދިނުމަށް ކަމަށެވެ. އަދި އެ ގަވާއިދުގެ 204 ވަނަ މާއްދާގެ (ނ) އަކީ، ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ އާއި އަދި ފުލުހުންގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.