28 Nov 2012, 13:13
ނ. ފޮއްދޫ ޖެޓީ މަރާމާތު ކުރުމަށް ބަޖެޓްގައި ފައިސާ ޖަހާފައިވާ އަދަދު މަދުވެގެން އެ ރަށު ކައުންސިލް އިދާރާގެ މައިގޭޓުގައި މިއަދު ތަޅު އަޅުވައި ބަންދު ކުރުމަށް ފަހު އެތަނުގެ ކުރިމަތީގައި އިހްތިޖާޖު ކުރަން ފަށައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ އެ ރަށު ބަޔަކު ނުކުމެ ކައުންސިލް އިދާރާގެ އިތުރުން އެ ރަށުގައި ހުރި ސަރުކާރުގެ އެހެން މުވައްސަސާތައް ވެސް ބަންދު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝާނީ މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ފޮއްދޫ ޖެޓީ މަރާމާތު ކުރުމަށް 300،000ރ. ހިމަނާފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުން ވަނީ އެ ފައިސާ ބަދަރު ހެދުމަށް ކަނޑައަޅަން ކަމަށެވެ. އަދި ރައްޔިތުން ކައުންސިލް އިދާރާ ބަންދުކުރީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ސަތޭކަ ސާޅީސް ހަތް މީހުންގެ އަބާދީއެއް އޮންނަ ފޮއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށު ބަދަރު ހަނދަން ބޭނުން ވަނީ ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ކަމަށާއި ފާލަން މަރާމާތު ކުރުމުގެ ބަދަލުގައި ބަދަރެއް ހަދައިދިނުމަށް މީގެ ކުރިންވެސް ރައްޔިތުން ރައީސްގެ އަރިހު ދަންނަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރައީސް އަށް ވެސް ވާނީ އެވާހަކަ އަންގާފައި. ރައީސް އޮފީހުން ހައުސިން އަށް ފޮނުވި ސިޓީގައި އޮތް ގޮތުން ނަމަ މިދިޔަ އޮކްޓޯބަރު މަހު ހައުސިން މިނިސްޓްރީން ޖެހޭ އަޅުގަނޑުމެންނާ މަޝްވަރާ ކުރުމަށް ފަހު އެޅުއްވި ފިޔަވަޅެއް އަންގަން. އެކަމަކު މިހާތަނަށް ވެސް އެ މިނިސްޓްރީ އިން އަޅުގަނޑުމެންނާ މަޝްވަރާ ކޮށްފައެއް ނުވޭ،" ޝާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެ ރަށުގެ އާބާދީ ކިތަންމެ ކުޑަ ނަމަވެސް ހެލްތު ޕޯސްޓުގައި ވެސް އާއްމު ބަލިތަކަށް ފަރުވާ ދެވޭ ވަރުގެ ޑޮކްޓަރެއް ހުންނަން ކަމަށާއި އެންމެ ނަރުހަކާ އެކު ހެލްތު ޕޯސްޓް ހިންގާތާ ދުވަސްތަކެއް ވެފައިވާތީ އެކަމާ ރައްޔިތުން ނުރުހިފައިވާ ކަމަށެވެ.
ޑީއާރުޕީ މެޖޯރިޓީ އޮންނަ ފޮއްދޫ ރައްޔިތުން މިހާރު ކުރަމުންދާ އިހްތިޖާޖުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ވެސް ކައުންސިލް އިދާރާ އިން ބުންޏެވެ.