ގަލްފް އޮފް މެކްސިކޯ ކައިރީގައި އޮންނަ ހިމާޔަތްކޮށްފައިވާ ޖަނަވާރު ގެންގުޅޭ ކޯރަކުން 280 ކިނބޫ ފިލައިފި އެވެ.


މެކްސިކޯގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ "މޯލެޓް" ނަސްލުގެ 280 ކިނބޫ ފިލީ ވެރާކްރޫޒް ސްޓޭޓްގެ ލާ އެންޓިގުއާ ރިޒާވަކުންނެވެ. ދިހަ ފޫޓުގެ ދިގުމިނަކަށް ބޮޑުވާ އެ ކިނބޫތައް ފިލީ، ގަލްފް އޮފް މެކްސިކޯއަށް ކުރިމަތިވި ކާލް ތޫފަނުގައި ވިއްސާރަވެ، އެ ރިޒާވްގައި ފެންބޮޑުވުމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ، އެ ރިޒާވުން ފިލި ކިނބުލުގެ އަދަދު 400 އާ ގާތްކުރާނެ ކަމަށެވެ. ނަމަވެސް، އޮފިޝަލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.


ފިލި ކިބޫތައް ވެރާކްރޫޒް ސްޓޭޓްގެ މޫދާ ކައިރި ހަ ސަރަހައްދަކުން ވަނީ ފެނިފަ އެވެ. އާއްމުކޮށް މީހުން މޫދަށް ގޮސް އުޅޭ ސަރަހައްދުތަކުން އެ ކިނބޫތައް ފެންނަމުންދާތީ، އެ ސަރަހައްދުތައް ޕެޓްރޯލްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެހެނިހެން ޖަނަވާރުތައް ކައި އުޅޭ އެ ކިނބޫތައް ހިފުމަށާއި އަދި މަރަން މަސައްކަތް ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ކޯރުފެނުގައި ދިރިއުޅޭ އެ ކިނބޫތަކުގެ ފަރާތުން އާއްމުންނަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ، އެ ސޮރުމެން ހިފުމަށްޓަކައި ކިނބުލުގެ ތަޖުރިބާކާރުން ދަނީ ހަރަކާތްތެރިވަމުންނެވެ.