28 Nov 2012, 13:12
އަންނަ އަހަރު ރާއްޖޭގެ ދިފާއީ ކަންކަމަށް ހަރަދުކުރަން ކަޑައަޅާފައިވާ، "ރާއްޖޭގެ ދިފާއީ ބަޖެޓަކީ" މި އަހަރަށް ވުރެ 133 މިލިއަން ރުފިޔާ އިތުރު 14 ޕަސެންޓް ބޮޑު ބަޖެޓެއްކަން ހާމަވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި، އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ދިފާއީ ކަންތައްތައް ބެލެހެއްޓުމަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 930.9 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ 5.5 ޕަސެންޓެވެ. މި އަހަރުގެ ދިފާއީ ބަޖެޓަކީ 797.9 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ 14.6 ބިލިއަން ރުފިޔާގެ ބަޖެޓްގެ 4.8 ޕަސެންޓެވެ.
ދިފާއީ ބަޖެޓަށް 930.9 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ އިރު އޭގެތެރެއިން 805.4 މިލިއަން ރުފިޔާއަކީ މިލިޓަރީ ޑިފެންސަށް ހަރަދުކުރާ ފައިސާ އެވެ. އެއީ ޖުމްލަ ބަޖެޓްގެ 4.7 ޕަސެންޓެވެ. އަދި ސިވިލް ޑިފެންސަށް 125.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެއީ ޖުމްލަ ބަޖެޓްގެ 0.7 ޕަސެންޓެވެ.
ރާއްޖޭގެ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް 805.4 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ބަޖެޓްކޮށްފަ އެވެ. އަދި ހަމަ އެކަނި ޑިފެންސް މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 9.9 މިލިއަން ރުފިޔާ އެވެ. އެ މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ ޑިޕާޓްމަންޓްތަކާ އެކު 913 މިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓެއް ވަނީ ޑިފެންސް މިނިސްޓްރީއަށް ކަނޑައަޅައިފަ އެވެ. ނަމަވެސް މި އަހަރު ޑިފެންސް މިނިސްޓްރީއަށް ކަނޑައަޅާފައި ވަނީ 811 މިލިއަން ރުފިޔާ އެވެ. އަދި ސީދާ ޑިފެންސް މިނިސްޓްރީ އަށް މިއަހަރު ކަނޑައަޅާފައި ވަނީ 787.3 މިލިއަން ރުފިޔާ އެވެ.
އެގޮތުން ޑިފެންސް މިނިސްޓްރީ އަށް އަންނަ އަހަރަށް ކަނޑައެޅި ޖުމްލަ ބަޖެޓުން 878.4 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 34.6 މިލިއަން ރުފިޔާ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓްގެ ދަށުން ޑިފެންސްގެ ކަންތައްތަކަށް ސީދާ ބަޖެޓުން ކުރެވޭ ހަރަދުތަކުގެ ތެރޭގައި ގދ. ތިނަދޫގައި ޓްރޫޕްސް އެކޮމޮޑޭޝަން ބިލްޑިންގްއެއް އެޅުމަށް ޖުމްލަ 3.1 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ބަޖެޓްކޮށްފަ އެވެ. އަދި ސެންޓްރަލް އޭރިއާގެ ކައްދޫގައި ބެރެކްސްއެއް އެޅުމަށް 1.9 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ދިފާއީ ކަންކަމަށް އަންނަ އަހަރު ކުރާ ހޭދަ އިތުރުވި ނަމަވެސް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ދިވެހި ފުލުހުންގެ އިދާރާއަށް ކަނޑައަޅާފައި ވަނީ މި އަހަރަށް ވުރެ ކުޑަ ބަޖެޓެކެވެ. އެގޮތުން މިއަހަރަށް ޕޮލިސްއަށް ކަނޑައަޅާފައި ވަނީ 808.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 788.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.