ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އައިއޭއީއޭގެ ވެބްސައިޓް ބަޔަކު ހެކްކޮށްފި އެވެ.

ރަޝިޔާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ރަޝިއާ ޓްޑޭ( އާރްޓީ) އިން ބުނީ އައިއޭއީއޭގެ ވެބްސައިޓް މިދިޔަ އާދީއްތަ ދުވަހު ހެކްކޮށް، އެ އެޖެންސީގައި މަސައްކަތްކުރާ 100 އަށް ވުރެ މާހިރުންގެ ކޮންޓެކްޓް މައުލޫމާތު ޕަބްލިޝްކޮށްފައިވާ ކަމަށެވެ.

ވެބްސައިޓް ހެކްކުރުމަށް ފަހު ޕަބްލިޝްކޮށްފައިވާ މެސެޖްތަކުގައި އިސްރާއީލުން ހިންގަމުންދާކަމަށް ބެލެވޭ ނިއުކްލިއަ ޕްރޮގްރާމާ ދެކޮޅަށް މަސައްކަތް ކުރުމަށް އައިއޭއީގެ މާހިރުންނަށް ގޮވާލާފައިވާ ކަމަށް ވެސް އާރްޓީ ބުންޏެވެ.
އައިއޭއީގެ ވެބްސައިޓް ހެކްކުރި ގްރޫޕަށް އެމީހުން ދީފައިވާ ނަމަކީ "ޕަރަސްތޫ" އެވެ. އެއީ އީރާނުގެ ރަސްމީ ބަސް ކަމަށްވާ ފާރިސީ ބަހުން ދޫންޏަކަށް ކިޔާ ނަމެކެވެ. އަދި އީރާނުގެ އަންހެން ކުދިންނަށް ވެސް ކިޔައިއުޅޭ ނަމެކެވެ.
"ޕަރަސްތޫ ހެކްސް އައިއޭއީއޭ" އައިއޭއީގެ ވެބްސައިޓް ހެކް ކުރި ބަޔަކު އެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.

"ބޭނުންކުރެވޭ ގޮތަށް ހުރި ނިއުކްލިއަ ހަތިޔާރު އިސްރާއީލަށް ލިބިގެންވެ އެވެ. އަދި އެހަތިޔާރުތައް ވަނީ ފުޅާވަމުން އަންނަ އަސްކަރިއްޔާއަކާ ގުޅުވާލާފަ އެވެ. އެގައުމަކީ ބައިނަލް އަގުވާމީ ގޮތުން އިހުތިރާމްލިބިފައިވާ ނިއުކްލިއަ، ބަޔޯކެމިކަލް އަދި ކެމިކަލް އެގްރިމެންޓްތަކުގެ ބައިވެރިއެއް ނޫނެވެ." އިސްރާއީލުގެ ނިއުކްލިއަ ޕްރޮގްރާމް އައިއޭއީއޭގެ ހާމަކަމާ އެކު ތަހުގީގުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި އެ އެޖެންސީގެ މާހިރުން ސޮއިކުރުމަށް ގޮވާލައި ވެބްސައިޓްގައި ލިޔެފައިވާ މެސެޖްގައިވެ އެވެ.

އިސްރާއީލުން ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ކަމަށް އާއްމުކޮށް ގަބޫލުކުރެވިފައިވާ އިރު އެގައުމުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި އެކަމާ ދެކޮޅުހަދާފައެއް ވެސް ނުވެ އެވެ. ނަމަވެސް އީރާނުން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އިސްރާއީލުން އަބަދުވެސް ތުހުމަތު ކުރެ އެވެ.
ވެބްސައިޓް ހެކްކޮށް، ސައިންސްވެރިންގެ މައުލޫމާތު އާއްމުކުރި މައްސަލައިގާ އައިއޭއީއޭ އިން ހިތާމަކުރާ ކަމަށް އެ އެޖެންސީގެ ތަރުޖަމާނު ގިލްޓޫޑޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތަކީ އެޖެންސީގައި ކުރިން ބޭނުންކުރި ސާވާއަކުން ވަގަށް ނަގާފައިވާ މައުލޫމާތު ކަމަށެވެ. އަދި މައުލޫމާތު ގެއްލުމުގެ ފުރުސަތު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.