ދެ ފަހަރެއްގެ މަތީން ބާއްވަން އުޅެ މަސްލަހަތު ގޯސްވެގެން ނުބޭއްވިފައިވާ އެފްއޭއެމުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފީފާ އިން އައްޔަންކޮށްފައިވާ ފަސް މެމްބަރުންގެ އިންޓަރިމް ކޮމިޓީގެ މަސައްކަތް ނުފެށި ލަސްވަމުންދަނީ އެފްއޭއެމުގެ އެއްބާރުލުން ނުލިބިގެން ކަމަށް އެ ކޮމިޓީން މިއަދު ބުނެފި އެވެ.

ކޮމިޓީގެ ޗެއާމަން އިބްރާހީމް އިސްމާއީލް މިއަދު ވިދާޅުވީ ހިނގަމުން މިދާ ހަފުތާގެ ނިޔަލަށް އެކޮމިޓީގެ މަސައްކަތް ފެށޭވަރުނުވެއްޖެ ނަމަ އެކަން ފީފާ އަށް ރަސްމީކޮށް ދަންނަވާނެ ކަމަށެވެ.

"ކުރިން ވެސް އޮންނާނީ ކޮންމެވެސް ވަރަކަށް ބުނެފައި. ފީފާ އިން އަޅުގަނޑުމެން ގާތު ބުނެފަ އޮތީ އިންތިހާބުގެ ކަންކަން ބެލުމަށް ތަންތަނަށް ދާން ވެސް ޖެހޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެންގެ މަސައްކަތްތައް ނުފެށިގެން މިއުޅެނީ އެފްއޭއެމުން އެކަންތައްތައް ކޮށްދެވޭގޮތްނުވެގެން،" އޮލިމްޕިލް ކޮމިޓީގެ ރައީސްކަން ކުރައްވަމުން އަންނަ އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޓީގެ މަސައްކަތް ފެށޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެފްއޭއެމުގައި އެތައް ފަހަރަކު ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑު އާޒިމަށް (އެފްއޭއެމުގެ ރައީސް) ވެސް ގުޅިން. އަނެއް ފަހަރު އާޒިމް ގުޅުއްވީ. ވިދާޅުވީ ތިކަމާ އެބައުޅެމޭ. ދެން ފަހުން ޝާހު (ޖެނެރަލް ސެކްރެޓަރީ) ކުރެން އެހީމާ ވިދާޅުވީ އާޒިމާ ނުގުޅިގެންނޭ މިއުޅެނީ. އަޅުގަނޑުމެން ދެކޭ ގޮތުގައި ރައީސް (ރަށުގައި) ނެތް ކަމަށް ވަނީ ވިއްޔާ ދެން ތިއްބެވި ބޭފުޅުން ވެސް އެކަން ކުރެއްވޭނެ ގޮތެއް އެތަނުގައި އޮންނަންވާނެ. އެއްގޮތަކަށް ވެސް އެފްއޭއެމާ ބައްދަލުނުވެގެން މިއުޅެނީ. މިއީ ހިލޭ ސާބަހަށް ފީފާ އަށް ކޮށްދޭ ކަމެއް، އެހެންވީމަ އެބޭފުޅުން (އެފްއޭއެމުން) މިކަން ކޮށްދެއްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނީ. މިކަމަށް ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ވެސް ހިނގާނެ. އަމިއްލަ އަތުން ޚަރަދުކޮށްގެން މިކަމެއް ނުވާނެ،" ދިގު މުއްދަތެއްވަންދެން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކަށް ކޮމިޓީގެ އެހެން މެމްބަރަކު ވެސް ތާއީދުކުރެއްވި އިރު އެފްއޭއެމުގެ ރައީސް އަދި އޭއެފްސީ އެކްސްކޯ މެމްބަރު އަލީ އާޒިމް މިވަގުތު ހުންނެވީ އޭއެފްސީގެ އެކްސްކޯ ބައްދަލުވުމަކަށާއި އެޖަމާއަތުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އަށް މެލޭޝިޔާ އަށް ވަޑައިގެންނެވެ. މިހެންވެ އޭނާއާ ގުޅޭ ގޮތްވަނީ ނުވެފަ އެވެ. އާޒިމްގެ މިދަތުރުފުޅުގައި 2014 ވަނަ އަހަރު ރާއްޖޭގައި އޭއެފްސީ ޗެލެންޖު ކަޕް ބޭއްވުމަށް ހުށަހަޅާފައިވާ ބިޑް ކާމިޔާބު ކުރެއްވުމަށް ގެންދަވަނީ ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. މި ބިޑަށް ވޯޓަށް އަހާނީ މާދަމާ ބާއްވާ އެކްސްކޯ ޖަލްސާގަ އެވެ.

އިންޓަރިމް ކޮމިޓީގެ ވާހަކަތަކާ ބެހޭ ގޮތުން އޮޅުން ފިލުވުމަށް އެފްއޭއެމުގެ އެއްވެސް ބޭފުޅަކާ ގުޅޭގޮތެއްނުވެ އެވެ. ބޮޑަށް ގަބޫލު ކުރެވެނީ އޭއެފްސީ އެވޯޑް ނައިޓަށާއި ރާއްޖޭގެ ބިޑަށް ސަޕޯޓް ހޯއްދެވުމަށް ޝާހު ވެސް އަދި ނާއިބް ރައީސް ހިޔަލި މުހައްމަދު ރަޝީދު ވެސް މިވަގުތު މެލޭޝިޔާ އަށް ވަޑައިގެންފައިވާ ކަމަށެވެ.

އެފްއޭއެމުގެ އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާއަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

މި އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.

އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ޓީމަކުންނެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަން ވަނީ ދެބަޔަކަށް ހަމަހަމަ އަށް ބެހިފަ އެވެ. ދެ ވަނަ ޑިވިޝަނުން ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގައި މައްސަލަ ޖެހިފައިވާ އިރު އަނެއް ދެ ޓީމު އޮތީ ދެ ފަޅީގަ އެވެ. ތިން ވަނަ ޑިވިޝަނުގެ ދެ ޓީމު ވެސް އޮތީ އާޒިމަށެވެ. މިހެންވެ 6-6 އިން އިލްހާމާއި އާޒިމް ހަމަހަމަވާއިރު އިންތިހާބު ކާމިޔާބުވާނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބޭ މީހަކަށެވެ.

އެފްއޭއެމް މިހާރު ހިންގަމުން އަންނަނީ ހިންގާ ކޮމިޓީގެ މުއްދަތު ޑިސެމްބަރަށް ފީފާ އާއި އޭއެފްސީން އިތުރުކޮށްދީގެންނެވެ. ދެ ހާސް އަށް ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމްގެ ޓީމުގެ ހަތަރު އަހަރުގެ ޓާމް ހަމަވީ ހުސްވި ޖުލައި މަހު އެވެ. ފީފާ އިން އެކުލަވާލި އިންޓަރިމް ކޮމިޓީގައި މި ފަހަރު ތިއްބަވަނީ އިބްރާހީމް އިސްމާއީލްގެ އިތުރުން ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު އަނިލް އާއި ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިގްބާލް އާއި އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލެވެ.