އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ރައީސް ނަޝީދުގެ ސަރުކާރުންކޮށްފައިވާ އެއްބަސްވުން ބާތިލްކުރި ނަމަވެސް ރާއްޖެ އާއި އިންޑީއާއާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމަށް އެއްވެސް ބަދަލެއް އަންނާނެ އުންމީދު ނުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާޔާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ޒަމާންވީ ރަހުމެއްތެރި ގުޅުމެއް ކަމަށާއި ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ކެބިނެޓުން އިއްޔެ ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއްކަން އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

"ޖީއެމްއާރު އެއްބަސްވުން ބާތިލް ކުރަން ސަރުކާރުން ނިންމެވި ކަމުގައި ވިޔަސް މީގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ، ދިވެހި ރައްޔިތުންނާއި އިންޑިޔާ ރައްޔިތުންނާ، ދެމެދު ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެ ކަމަށް ޕީޕީއެމް އިން އުއްމީދުކުރަން،" ޕީޕީއެމްގެ ނޫސް ބަޔާނުގައިވެ އެވެ.

އަދި އެ ބަޔާނުގައި ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ސަރުކާރަށް ތައުރީފްކޮށްފަ އެވެ.

އިންޑިއާޔާއި ރާއްޖޭގެ ގުޅުމަށް އެ ނިންމުމުގެ ސަބަބުން ބުރުލެއް ނާރާނެކަމަށް ޕީޕީއެމް އިން ބުނި ނަމަވެސް އިންޑިއާ ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުރި އިންޑިއާގެ މަސައްލަހަތުތައް ހިމާޔަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.