28 Nov 2012, 11:48
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާމެދު ކުރެވޭ ތަފާތުތައް ނައްތާލުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
އެޗްއާރްސީއެމުން އެގޮތަށް ގޮވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު ތޫނުއެއްޗަކުން ހަމަލާދީ ރާއްޖޭގައި މަސައްކަތް ކުރާ ބަނގްލާދޭޝްގެ ރައްޔިތެއް ކަމުގައިވާ މުނީރުލް އިސްލާމް، 25، ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާތީ އެކަމާ ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ކޮމިޝަނުން ވަނީ އިންސާނިއްޔަތާއި ޚިލާފު އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އެ ބަޔާނުގައި ބުނަނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި ހިއްސާވާ މުހިއްްމު ބަޔަކަށް ވާއިރު ދިވެހީންނަށް އެކަން ބަލައިނުގަނެވޭތީ އެއީ ހިތާމަ ހުރި ކަމެއްކަމަށެވެ. އަދި ރާއްޖެ އަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށް ވާއިރު ދިވެހިރައްޔިތުން ކަހަލަ އިންސާނުންނާމެދު އިހާނެތިކޮށް އަމަލުކޮށް ތަފާތުކުރާކަމީ އިސްލާމްދީނުގެ އަސްލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިންސާނީ ހައްގުތަކަކީ ވަކި ގައުމެއް ނުވަތަ ނަސްލެއްގެ ބަޔަކަށް ތަފާތުކުރުމެއްނެތި، އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ހައްގުތަކެއް ކަމަށާއި އެ ނުބައި ޖަރީމާ ހިންގި ބަޔަކު ހޯދައި ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް އެ ކޮމިޝަންގެ ފަރާތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އިންސާނީ ހައްގުތަކަކީ ވަކި ގައުމެއް ނުވަތަ ނަސްލެއްގެ ބަޔަކަށް ތަފާތުކުރުމެއްނެތި އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ހައްގުތަކަށް ވީހިނދު، މިޖަރީމާ ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރި މައްޗަށް އަވަހަށް ގެނެސް ހައްގު އަދަބު އެފަރާތަކަށް ނުވަތަ ފަރާތްތަކަށް ދިނުމަށް މިކޮމިޝަނުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.
އެ މީހާ މަރާލާފައި އޮއްވާ ފެނުނީ "ޗާންދަނީމަގު24"ގޭ ގައި އޭނާ ދިރިއުޅެމުން އައި އެ ގޭ ގެ ހަ ވަނަ ފުލޯގައި އޮއްވަ އެވެ. އޭނާ ފެނުނުއިރު އޭނާ އޮތް އެނދުމަތީގައި ވަރަށް ގިނައިން ލޭ ވެސް ހުއްޓެވެ. މިހާރު އޭނާ މޯޗަރީއަށްލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިހާރުގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.