28 Nov 2012, 11:26
އަންނަ އަހަރުގެ ބަޖެޓްގައި ސީދާ އަތޮޅުތަކަށް އެކި ގޮތްގޮތުން ހަރަދުކުރުމަށް 5.5 ބިލިއަން ހަރަދުކުރަން ހިމަނައިފި އެވެ.
ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކުގެ ތެރެއިން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ސީދާ އަތޮޅުތަކަށް ވަނީ އަމާޒުކޮށްފަ އެވެ. އެ ޕްރޮގްރާމްތަކުގެ ތެރޭގައި އާބާދީ މަދު ރަށްރަށުގެ މީހުން އާބާދީ ގިނަ ރަށްރަށަށް ބަދަލުކުރުމާއި ހާބަރުތަކާއި މަސްބަނދަރުތައް މަރާމާތު ކުރުމުގެ ޕްރޮގްރާމްތައް އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ.
އެގޮތުން ބޯހިޔާވަހިކަމަށް 935 މިލިއަން ރުފިޔާ، ބަނދަރާއި ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަމަށް 922 މިލިއަން ރުފިޔާ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް 321 މިލިއަން ރުފިޔާ ހިމެނެ އެވެ. އެގޮތުން 14 ރަށެއްގެ ބަނދަރު ހެދުމާއި މަރާމާތުކުރުން އަދި 11 ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމްކުރުމާއި ތިން ރަށެއްގެ ބޯފެނުގެ ނިޒާމު ގާއިމްކުރުމާއި އަށް ރަށެއްގައި 1500 ހައުސިން ޔުނިޓް އެޅުމާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެޅުމާއި 21 އާ މިސްކިތެއް އަތޮޅުތެރޭގައި ބިނާކުރުމުގެ ހަރަދު ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.
ދައުލަތުގެ މުޅި ބަޖެޓްގެ 3.1 ބިލިއަން ރުފިޔާއަކީ ސީދާ ޕީއެސްއައިޕީގެ ޕްރޮގްރާމްތަކަށް ކަނޑައެޅިފައިވާ މިންވަރެވެ. އެއީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ 18 ޕަސެންޓެވެ. އަދި ސީދާ ބަޖެޓުން ހަރަދުކުރުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު ބާކީ ފައިސާ ހޯދަން ހަމަޖެހިފައި ވަނީ ޑޮމެސްޓިކް ލޯނުގެ ގޮތުގައި 21 މިލިއަން ރުފިޔާ އާއި ބޭރުގެ ލޯނު އެހީގެ ގޮތުގައި ލިބޭ 1.2 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ 347.6 މިލިއަން ރުފިޔާ އިން ކަމަށް ބަޖެޓުގައި ޖަހާފައިވެ އެވެ.
ބަޖެޓް ބަޔާނުގައި ހިމެނިފައިވާ ގޮތުން އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ ތައުލީ ދާއިރާއަށެވެ. އެގޮތުން 2.5 ބިލިއަން ރުފިޔާ އެބައިގައި ހިމަނާފައިވެ އެވެ. އެ ފައިސާ އިން ޔުނިވާސިޓީގެ ފެންވަރު ރަނގަޅު ކުރުމާއި ކިޔެވުމަށް ބޭނުންކުރާތަކެތި ހޯދުމާއި ސްކޫލްތަކުގައި އިތުރު ކްލާސް ރޫމްތައް ބިނާކުރުމަށް އަދި އަސާސީ ވަސީލަތްތައް ގާއިމްކުރަން ވަނީ މައިގަނޑު ގޮތެއްގައި ރާވައިފަ އެވެ.
އަދި އަދުލް އިންސާފުގެ ދާއިރާ ހަރުދަނާ ކުރަން 1.7 ބިލިއަން ރުފިޔާ ބަޖެޓްގައި ޖަހާފައިވެ އެވެ. އެގޮތުން ޖުޑީޝިއަރީ ހަރުދަނާ ކުރުމާއި ހުކުމް ތަންފީޒު ކުރާ މީހުން ބައިތިއްބާނެ ތަންތަން ގާއިމްކުރުމާއި ރައްޔިތުންގެ ސަލާމަތަށް ކުރަން ޖެހޭ ކަންތައްތައް އިތުރުކޮށް އިތުރު މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓްކޮށްފައިވެ އެވެ.
ސިއްހީ ދާއިރާ އަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެ ފައިސާ އިން ކުޅުދުއްފުށީ ހޮސްޕިޓަލާއި ހިތަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބިނާ ކުރާއިރު އިތުރު ސިއްހީ ހިދުމަތްތައް ފުޅާކޮށް ސިއްހީ ދައިރާއަށް ބޭނުންވާ ތަކެތި ގަތުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.
ސޯޝަލް ސެކިއުރިޓީ އަދި ވެލްފެއާއަށް ދެ ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި އޮތްކަން ހާމަވެ އެވެ. އެބައިގެ ތެރޭގައި ކަރަންޓް ސަބްސިޑީ އާއި ސިއްހީ ހިދުމަތަށް ދެވޭ ސަބްސިޑީތަކާއި އަދިވެސް ގިނަ ސަބްސިޑީތައް ހިމެނެ އެވެ.