އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނުއެއްޗަކުން ހަމަލާދީ މި މަހުގެ 14 ވަނަ ދުވަހު ޒުވާނަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށާއި އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ މަރަދޫން ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އަދި 21 އަހަރުގެ މީހާ މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރި އިރު 25 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 އެހާކަންހާ އިރު މަރަދޫފޭދޫގައި ހިނގި އެ ހާދިސާގައި ގައިގެ 15 ތަނަކަށް ތޫނުއެއްޗެއް ހަރައި ޒަހަމްކޮށްލާފައި ވަނީ 24 އަހަރުގެ މީހަކަށެވެ. އޭނާ އަށް ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ އިރު މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން ހޯރަފުށީގައި ވެސް ރޭ ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލާފަ އެވެ. އެ މައްސަލައާ ގުޅިގެން ރޭ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.